ޚަބަރު
ތިން ވުޒާރާގެ އަލިފާނުގެ ހާދިސާ: އެއީ ގަސްތުގައި ކުރިކަމެއް ނޫން
މިއަދު ކުރިއަށް ގެންދިޔަ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުުގެ ތެރެއިން. ފޮޓޯ: އެމްއެމް
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާނުގެ ހާދިސާ ހިނގީ އެއްވެސް މީހަކު ގަސްތުގައި ކުރިކަމަކުން ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
މި ހާދިސާގެ ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގާފައެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ވަނީ، އެދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާ ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ބައެއް ފޮޓޯތައް ދައްކާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހައުސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެ އިމާރާތުގެ ދޭތެރެއިން ހައުސިންގ މިނިސްޓްރީގައި ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީ އަށެވެ. އަދި ގުޅަންވީ އިދާރާއެއް ނޭނގުމުގެ ސަބަބުން މަގުމަތިން ފެނުނު އޮފް ޑިއުޓީ އެމްއެންޑީއެފް އޮފިސަރަކަށް އެކަން އެންގުމުން، އެ އޮފިސަރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް އަންގައިގެން ދެ އިމާރާތް ދޭތެރެއިން ފެނުނު އަލިފާން ވަނީ ނިއްވާލާފައެވެ.
ފުލުހުންގެ ވީޑިއޯއިން ދައްކާ ގޮތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް 06:17 ހާއިރު ގުޅާފައިވާއިރު، ފަޔަރ ފައިޓަރުން ސީންއަށް އައިސްފައިވަނީ 06:35 ގައެވެ. އަދި އިމާރާތުގައި އަލިފާން ރޯވެފައިވާ ތަނެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ހައުސިންގ މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރިތަން ފެނިގެން ނިއްވާލާ މަންޒަރު ވެސް ފެނެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ހުރިތަން ހޯދުމަށް އެންމެ ދަތިވީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިހުރި ގޮތުން ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. އަދި ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް ހުރިކަން އެނގިފައިވާއިރު، އެ އިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން ތަހުގީގުގައި މުވައްޒަފުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން މި ހާދިސާގެ ތަހުގީގަށް 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން އެއްވެސް މީހަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ކަމެއް ފާހަގަވެފައިނުވޭ.
ފުލުހުން ވިދާޅުވިއެވެ.
އަދި އަލިފާން ރޯވި ދުވަހުގެ ރޭ އެ އޮފީސް ބަންދުކުރުމާއި ޖެހިގެން އައި ދުވަހު މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެ އިމާރާތަށް ވަދެފައިނުވާކަން ތަހުގީގުން ވަނީ ކަށަވަރުވެފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި ސަރުކާރުގެ 3 ވުޒާރާއެއް ހިންގި އިމާރާތްތައް އެއްކޮށް އަނދައިގެން ގޮސްފައިވާއިރު، އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަންޏެވެ. މި ހާދިސާގެ ސަބަބުން ކައިރީގައި ހުރި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.