ޚަބަރު
ޔަހޫދީންގެ ބޮޑުވަޒީރު އދ. ގައި ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދުން ހޯލު ދޫކޮށް ނިކުމެއްޖެ
ނައުބު ރައީސް ހިމެނި ވަޑައިގަންނަވާހެން ރާއްޖޭގެ ވަފުދު ހޯލުން ނިމެވަޑައިގަންނަވަނީ - ފޮޓޯ: ފޮރިން އެފެއާޒް
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، ދިވެހިރާއްޖޭގެ ވަފުދުން އެ ޖަލްސާ ދޫކޮށް ނިކުމެގެން ގޮސްފިއެވެ.
ރާއްޖެއިން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެގޮތެއްނުވެ ދެމިއޮތްކަން ހާމަކޮށް، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.
އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި އިސްރާއީލުން ވާހަކަދައްކަން ފެށުމުގެ ކުރިން ރާއްޖެއިން އެހެން ބައެއް ޤައުމުތަކުގެ ވަފުދުތަކާ އެކު ހޯލު ދޫކޮށް ނިކުތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާފަށް އިހުތިރާމްކުރުމަށާއި، ފަލަސްތީނުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ފަލަސްތީނުގެ މިނިވަންކަމާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤުވާމީ މައިދާނުގައި، ފާޅުގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރަމުން އަންނަ އެއް ސަރުކާރެވެ. ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާންމާއި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ރާއްޖެއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އޅާފައެވެ. އެގޮތުން، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެވެ.
އދ. ގެ ޖަލްސާތަކުގައި އިސްރާއީލުގެ ވެރިން ވާހަކަދައްކަން ފެށުމުން ހޯލު ދޫކޮށް ނިކުތުމަކީ، ޔަހޫދީންގެ އަނިޔާވެރިކަމާއި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯނުލެނބުމުގެ އަމަލުތައް ބަލައިނުގަންނާނެކަން ހާމަކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ކުރަމުން އަންނަ މުހިންމު އިހުތިޖާޖެކެވެ.