ޚަބަރު
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ހައްލަކީ ފަހަތަށް ޖެހުމެއް ނޫން، ބޭނުންވަނީ ވިލުންތެރިކަން: ނައިބު ރައީސް
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ: ރައީސް އޮފީސް
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، މިއީ ވިލުންތެރިކަން އިތުރުކުރަންޖެހޭ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މީގެ ގާތްގަނޑަކަށް 4 ދަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް" ގައި ރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށްއެރުވިއެވެ. އަދި އޭރު ދެއްކި އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާކަން ފާހަގަކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ އެހީއަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިންނުކުރެވޭ ކަމަކަށް ޙައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި ކަނޑުގެ ސަރަޙައްދުތަކާއި ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމަށެވެ.
ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އަދި އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް، ޤާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަޤީންކަން ލިބިދޭންޖެހޭނެ
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް
މީގެއިތުރުން، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިޤްތިޞާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ހިމެނުމަށް ގޮވާލައްވަމުން، ރާއްޖޭގެ ތިންވަނަ އެންޑީސީގެ ތެރެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުންދާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.
ބަޔާން ނިންމަވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެ، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް މުސްތަޤްބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.