ދުނިޔެ
ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދިން ކަމަށް ބުނުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ
ތެޔޮއުފުލާ ބޯޓެއް.
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް އަލުން ހަމަލާތަކެއް ދިން ކަމަށާއި، އޭގެ ތެރޭގައި ސައޫދީގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނި އަރާމްކޯގެ މަރުކަޒުތައް ހިމެނޭ ކަމަށް ބުނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގެ މައިގަނޑު މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ބުރާސްފަތި ދުވަހު ވަނީ 3 އިންސައްތައަށް ވުރެ މައްޗަށް އަރާފައެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިހާރުވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ހަކަތައިގެ ސަޕްލައިއަށް އިތުރު ބުރޫއެރުންތަކެއް އަރައިފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން އައި ބަދަލެކެވެ.
ބުރާސްފަތި ދުވަހު ބްރެންޓް ފިއުޗާސްގެ އަގު ފީފާއަކަށް 106.50 ޑޮލަރަށް ވުރެ މަތީގައި ނިމުނުއިރު، އޭގެ ކުރިން އަގު ވަނީ 108 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. ނަމަވެސް، ހުކުރު ދުވަހުގެ ހެނދުނު އޭޝިއާގެ ބާޒާރުގައި އަގު ކުޑަކޮށް ދަށަށް ގޮސް ފީފާއެއްގެ އަގު ހުރީ 105.77 ޑޮލަރުގައެވެ.
ހޫޘީން ބުރާސްފަތި ދުވަހު ބުނެފައިވަނީ ރިޔާޒުގެ ނާޒުކު އަމާޒަކަށާއި، ރަތްކަނޑުގެ އައްސޭރީގައިވާ ޔަންބޫގައި ހުންނަ އަރާމްކޯގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި މި ދެ އޮޕަރޭޝަން ވެސް ކާމިޔާބުކަމާއެކު އަމާޒަށް ވާސިލުވި ކަމަށް ހޫޘީންގެ ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް، ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުނެފައިވަނީ ހޫޘީން ފޮނުވާލި ބެލިސްޓިކް ހަ މިސައިލެއް ވައިގެ ތެރެއަށް ގޮއްވާލާފައިވާ ކަމަށެވެ. ސައޫދީ ކަމާބެހޭ ފަރާތްތަކުން މި ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވަތަ މީހަކަށް އަނިޔާއެއް ވިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ދުނިޔޭގެ ތެލުގެ ޑިމާންޑުގެ ގާތްގަނޑަކަށް 10 އިންސައްތަ ސަޕްލައި ކުރާ އަރާމްކޯ ކުންފުނިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތައް އަނެއްކާވެސް ބޮޑުވެފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަތް މަސް ދުވަހުގެ ހަނގުރާމައަށް ހައްލެއް ހޯދުމަށް އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މާކެޓް އެނަލިސްޓުން ލަފާކުރާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގުދެމިގެންދާހާ ހިނދަކު ތެލުގެ އަގު 100 ޑޮލަރަށް ވުރެ މަތީގައި ހުންނާނެއެވެ. އަދި ހަމަނުޖެހުންތަކަށް ސާފު ހައްލެއް ނުފެންނާތީ، ދުނިޔޭގެ ތެލުގެ ރިޒާވްގެ ފަރަގު އިތުރަށް ބޮޑުވަމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ.