ޚަބަރު
މަސްތުވާތަކެތީގެ މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން. ފޮޓޯ: ޕޮލިސް
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރުގެ ދެ މީހަކާއި ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ކަސްޓަމްސްގެ މައުލޫމާތާ ގުޅިގެން ފުލުހުންގެ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ގުޅިގެން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ ތަކެއްޗާ ހަވާލުވާން އުޅުނު މީހާ ހިމެނޭހެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ވިވެކް އަމްބަން (24 އަހަރު) އާއި ޝަހްމިލް ޕަލި ޕަރަމްބަތް (32 އަހަރު) އަދި ދިވެހި ފިރިހެނެއް ކަމަށްވާ ޏ. ފުވައްމުލައް، ހޯދަޑު، ކުމެރީގެ، ޢަބްދުﷲ އިބްރާހީމް (36 އަހަރު) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އަބްދުﷲ އިބްރާހީމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.