ޚަބަރު
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި
ނައިބު ރައީސް ހުސެއިން އދ.ގައި ތަޤުރީރު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.
އދ. ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރައްވައި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ރާއްޖެއިން ކުރާ ގޮވާލުން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، "ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މުސްތަޤުބަލެއްގެ މާނައަކީ، މިނިވަންކަމާއި ކަރާމާތް. އަމިއްލަ އިޚްތިޔާރުގެ ޙައްޤެއް. އަދި އެމީހުންގެ އަމިއްލަ ދައުލަތެއްގައި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި،" ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ޤައުމީ ތަރައްޤީއާއި ސިޔާދަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. "މިކަމުގައި އެއްވެސް ޝައްކެއް ނެތް ލޮނުގަނޑު އުފުލުމުގެ ސަބަބުން އަޅުގަނޑުމެންގެ އައްސޭރިފަށަށް ބަދަލުތަކެއް އަތުވެދާނެ ނަމަވެސް އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދައުލަތް ނެތިގެނެއް ނުދާނެ. އަޅުގަނޑުމެންގެ ޙައްޤުތަކެއް އުންޏެއް ނުވާނެ. ކަނޑުގެ ސަރަޙައްދުތަކުން އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބަލިކައްޓެއް ނުކުރެވޭނެ. އަދި ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބިގެންވާ ބާރުވެރިކަމެއް ކުޑައެއް ނުކުރެވޭނެ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރަޙައްދީ ހަމަޖެހުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުން ކުށްވެރިކުރައްވައި އެއީ ހުޅުވިފައިވާ ތަނަކަށް ހެދުމަށް ގޮވާލެއްވިއެވެ.
ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)، ބަޙްރައިން، ޤަޠަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދެމުންދާ ޙަމަލާތައްވެސް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ނުރައްކާތެރި ޙާލަތު ފިނިކޮށް، މަސްރަޙު ހަމައަކަށް އަޅުވައި، ދެބަސްވާ ފަރާތްތައް މަޝްވަރާގެ މޭޒަށް ގެނައުމަށް އޮމާން، ޕާކިސްތާން އަދި ޤަޠަރުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ދިވެހިރާއްޖެއިން ބަލައިގަންނަން،
ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް
މީގެއިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު އުވާލުމަށާއި، ކުދި ޖަޒީރާ ޤައުމުތަކަށާއި އެފްރިކާއަށް ސަލާމަތީ މަޖިލީހުން ޖާގަ ދިނުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް އެދިވަޑައިގެން، 2033 އިން 2034 ގެ ދައުރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލުމަށް ރާއްޖެއިން ނިންމާފައިވާތީ މެންބަރު ޤައުމުތަކުގެ ތާއީދަށް އެދިވަޑައިގެންނެވިއެވެ.