ޚަބަރު
ވަޒީރުންގެ "އަހާ" ފޯރަމް އާދިއްތަ ދުވަހުގެރޭ ބާއްވަނީ
ވަޒީރުން އަހާ ފޯރަމް. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް އަންނަ އާދިއްތަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.
އާދިއްތަ ދުވަހުގެރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި 3 ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ހާޒިރުވެ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީމަހުގެ ތެރޭގައެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްސަ ސިލްސިލާ ޕްރޮގްރާމެއް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި، މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕީއެސްއެމްއާ ގުޅިގެން "ނޭޝަން ޗެޓް" ގެ ނަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ސިލްސިލާ ޕްރޮގްރާމެއް ދަނީ ގެނެސްދެމުންނެވެ.