ޚަބަރު
ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާތަނަށް އަށް އަތޮޅެއްގައި ހަމަޖައްސައިފި
އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފިއުލް ސްޓޭޝަނެއް / ފޮޓޯ: އެފްއެސްއެމް
ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ފެށުނު މަސައްކަތުގެ ދަށުން، މިހާތަނަށް 8 އަތޮޅެއްގައި އެ ޚިދުމަތް ދޭން ފަށައިފިއެވެ.
އިގުތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ވަނީ ފިއުލްޝެޑްތައް ގާއިމުކޮށް، ރައްޔިތުންނަށް ހިދުމަތް ދޭން ފަށާފައިވާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން ހުރިހާ އަތޮޅަކުން މި ޚިދުމަތް ފުރިހަމައަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރު ނޮވެމްބަރުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒު.
އިގުތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފިއުލް ސްޓޭޝަން މިހާރު ގާއިމްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ އަދި ދ. މީދޫއެވެ.
މި މަޝްރޫއަކީ ރައްޔިތުންނަށާއި، ހާއްސަކޮށް މަސްވެރިންނާއި އިގުތިސާދީ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި އިންތިޒާމުގެ ސަބަބުން ހަކަތައަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. މީގެއިތުރުން، ތެޔޮ ހޯދުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ވަގުތު ސަލާމަތްވެ، އެތައް ތަކުލީފުތަކަކަށް ޙައްލު ލިބިގެންދާނެއެވެ.
އަތޮޅުތަކުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ބުރަ އުފުލަމުންދިޔަ މިފަދަ ދަތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. އެގޮތުން، މި ފެށުނު މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ގައުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.