ޚަބަރު
ކަނޑުދަތުރުފަތުރުގެ ޒަމާނީ ޓެކްނޮލޮޖީއާ ބެހޭ ކޮންފަރެންސެއް އުކުޅަހުގައި ފަށައިފި
ކަނޑުދަތުރުފަތުރުގެ ޒަމާނީ ޓެކްނޮލޮޖީއާ ބެހޭ ކޮންފަރެންސްގައި ބައިވެރިން---
ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަކޮށްގެން ބާއްވާ ޒަމާނީ ޓެކްނޮލޮޖީގެ މުހިންމު ކޮންފަރެންސެއް ކަމަށްވާ "މެރިން ޓެކް ޓްރެއިނިންގް" ޕްރޮގްރާމް އއ. އުކުޅަހުގައި މިއަދު ފަށައިފިއެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ސެޕްޓެންބަރު 26 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މިއީ އުޅަނދުފަހަރުގެ ވެރިންނާއި، ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާގެ މަޝްހޫރު ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ޕްލެޓްފޯމެކެވެ.
ކެޕްޓަން އަންވަރު އިސްނަންގަވައިގެން، އޯޝަންއެކްސް މެރިން، މެރިންވައިބް އަދި އުކުޅަސް ކައުންސިލް ގުޅިގެން އިންތިޒާމުކުރާ ތިން ދުވަހުގެ މި ކޮންފަރެންސްގައި، ޢަމަލީ ތަމްރީނުތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަލަށް ތަޢާރަފުވެފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އާލާތްތަކުގެ ލައިވް ޑެމޮންސްޓްރޭޝަންތައް ވެސް ކުރިއަށްދާނެއެވެ.
މި ޓްރެއިނިންގްގެ މައިގަނޑު އަމާޒަކީ އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުންނެވެ. މީގެ އިތުރުން ވިޔަފާރި އުސޫލުން މަސްވެރިކަން ކުރާ ފަރާތްތަކާއި، ޗާޓަރ އަދި ޑައިވް އޮޕަރޭޓަރުންނާއި، މެރިން ސާމާނު ވިއްކާ ފަރާތްތަކުގެ އިތުރުން ދޯނިފަހަރާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގެ މަސައްކަތްތަކަކީ ރައްކާތެރި، ޒަމާނީ އަދި ހަރުދަނާ މަސައްކަތްތަކަކަށް ހެދުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއާއި ހުނަރުތަކުގެ މައްޗަށެވެ. އެގޮތުން އެކޯ ސައުންޑަރ، ބާރޑް ރާޑަރ، ބޭރު އިންޖީނު (އައުޓްބޯޑް އިންޖީނު)، ނެވިގޭޝަން ސިސްޓަމްތައް އަދި ކަނޑުދަތުރުފަތުރާ ގުޅުންހުރި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަވާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށްވާ، ސިމްރަޑްގެ ސީނިއަރ ޕްރޮޑަކްޓް މެނޭޖަރ އެޑަމް ކިންގްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ސިމްރަޑްގެ ލައިސަންސްޑް ޓެކްނީޝަނެއް ކަމަށްވާ ކެޕްޓަން އަންވަރެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެޕްޓަން އަންވަރު ވިދާޅުވީ، "މި ޓްރެއިނިންގްގެ މައިގަނޑު މަޤްޞަދަކީ ކަނޑުމަތީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީއާއި ޢަމަލީ މަޢުލޫމާތު ސީދާ އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުން" ކަމަށެވެ.