ޚަބަރު
ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް
މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި އަހަރު މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދިވެހި ދަރިވަރުންނަށް ވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވައިފިއެވެ.
އަދި އެކަމަނާ ވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.
އަދި ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށާއި، ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ހޯދައި، އުޖާލާ މުސްތަޤްބަލަކަށް މަގުފަހިކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މަތީ ސާނަވީ އިމްތިޙާނުގައި މިއަހަރު ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ތިޔައިން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވާށި. އާމީން
— First Lady Sajidha Mohamed (@sajidhaamohamed) September 27, 2026
ތިޔަ… pic.twitter.com/IYqWlqcEtb
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ، މަތީ ސާނަވީ އިމްތިހާނު ހަދާ ކުދިންނަށް ކާމިޔާބީއަށް އެދި ސޯޝަލް މީޑިޔާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއްކަން ފާހަގަކުރައްވާފައެވެ.
މި އަހަރުގެ މަތީ ސާނަވީ އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27 އިން އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށެވެ. މި އިމްތިހާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.