ޚަބަރު
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއާ ގުޅޭ ހަގީގަތް ވަޒީރު ހާމަކުރައްވައިފި
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއު ހިންގުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސްއާއެކު ސަރުކާރާންވެފައިވާ އެއްބަސްވުމާއި ގުޅިގެން ފެތުރެމުން އަންނަ ވާހަކަތަކުގެ ހަގީގަތް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.
ވަޒީރު ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މިދިޔަ ހަފްތާގައި ސަރުކާރުން އީގަލް ހިލްސްއާއެކު ސޮއިކުރެއްވި އެއްބަސްވުމާއި ގުޅިގެން ދޮގު ވާހަކަތަކެއް ފެތުރެމުންދާ ކަމަށާއި، މި ވާހަކަތަކަކީ ހަގީގަތް ކަމަށް ގަބޫލުކުރާ މީހުން ވެސް ވަނީ އިތުރުވެފައި ކަމަށެވެ.
އެހެންމަކުން ހަގީގަތް އޮޅުންފިލުވައިދިނުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ވަޒީރު ވަނީ އެންމެ ގިނައިން ދައުރުވަމުންދާ ކަމަށް ފާހަގަކުރެވޭ 4 ކަމަކާއި، އެކަމާއި ގުޅޭ ހަގީގަތް ހާމަކުރައްވާފައެވެ.
- ބިން ހިލޭ ދިންކަމަށް ބުނާ ވާހަކަ:
މި ވާހަކަތަކަށް ރައްދުދެއްވަމުން ވަޒީރު ވަނީ ތިން ފަޅެއް، ތިން ދައުރެއްގައި ދޫކުރި ގޮތުގެ ތަފުސީލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2015 ވަނަ އަހަރު 617 މިލިއަން ރުފިޔާއަށް، އެނބޫދޫ ފަޅު ވަނީ 50 އަހަރަށް އަހަރުގެ މުއްދަތަކަށް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ފޮއްތެޔޮ ފަޅު ސެޕްޓެމްބަރު 2023 ގައި ހަވާލުކުރީ އެއްވެސް އަގަކާއިނުލައި، 586 މިލިއަން ރުފިޔާގެ ޕްރައިވެޓް އެއާޕޯޓެއް އަޅާ ގޮތަށްކަމަށާއި، އެ ފަޅުގެ ބަދަލުގައި ދައުލަތަށް ލިބުނީ ދައުލަތުގެ އަމިއްލަ މިލްކުވެރިކަމެއް ނެތް، އަދި ދައުލަތުގެ މިލްކަކަށް ނުވާ ރިސޯޓަކަށް ޚިދުމަތްދޭ އެއާޕޯޓެއް އެކަނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލޭގެ މަޝްރޫއާއެކު އެއިން އެއްވެސް މަޝްރޫއަކުން ނުލިބޭ 2 ފައިދާއެއް ލިބިގެންދާނެ ކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.
- މަޝްރޫއުގެ އެޑްވާންސެއްގެ ގޮތުގައި، ޑިވެލޮޕަރުގެ އަމިއްލަ ޚަރަދުގައި، ދައުލަތުން އެއްވެސް ލޯނެއް އަދި ގެރެންޓީއެއް ދޭންނުޖެހޭ ގޮތަށް، ހުޅުމާލޭގައި ގާތްގަނޑަކަށް 7.7 ބިލިއަން ދިވެހި ރުފިޔާގެ އަގުހުރި 3 ކޮޓަރީގެ 5،000 ހައުސިންގް ޔުނިޓު އަޅައިދޭނެއެވެ. މިއީ، އެނބޫދޫ މަޝްރޫއިން ލިބުނު އަދަދަށްވުރެ 12 ގުނަ އިތުރު އަދަދެކެވެ. ވަޒީރު ވަނީ އެ ފައިސާ ލިބެނީ ދިވެހިންނަށް ލިބޭ ގެދޮރުގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ.
- ދެވަނަ ކަމަކީ ބިމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއެވެ. 10 އަހަރުގެ ތަރައްޤީގެ މުއްދަތުގެ ތެރޭގައި، ޕްރޮޕަޓީތައް ވިއްކާ ކޮންމެ ފަހަރަކު ދައުލަތަށް ލިބޭ ދިހަ އިންސައްތައިން ޖުމްލަ ތިން ބިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. އެ އަދަދަށް ވާސިލުވުމަށްޓަކައި އެނބޫދޫ ފަޅު ހަތްދިހަ ފަސް ފަހަރު ކުއްޔަށް ދޭންޖެހޭނެއެވެ. ފޮއްތެޔޮ ކިތަންމެ ގިނަ ފަހަރަކު ކުއްޔަށް ދިނަސް އެ އަދަދާއި ގާތް ވެސް ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
- ސަރުކާރުން އާމްދަނީން ހިއްސާއެއް ނެގުމުގެ ބަދަލުގައި މަޝްރޫއުގެ ހިއްސާ ނަގަންޖެހޭ ވާހަކަ:
ވަޒީރު ވިދާޅުވީ، ހިއްސާއިން ފައިދާ ލިބެނީ ވިޔަފާރިން ފައިދާވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެކަން ދައުލަތަށް އިބުރަތެއްގެ ގޮތުން ސާފުވެގެން ދިޔަ އެއް ކަމަކީ، ޝަންގްރިލާ ވިލިނގިލި ރިސޯޓުގައި ސަރުކާރުގެ އޮތް މައިނޯރިޓީ ހިއްސާއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެ ދަހަރަށްވުރެ ގިނަ ދުވަހު ހިއްސާދާރެއްގެ ގޮތުގައި އޮތުމަށްފަހު، ދައުލަތުން އެ ހިއްސާ ދޫކޮށްލަން ޖެހުނީ، އެއްވެސް މަންފާއެއް ނުލިބި ކަމަށް ވަޒީރު ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫއެއްގައި ހިއްސާދާރަކަށްވުމުގެ މާނައަކީ، ފައިދާގައި އަދި ގެއްލުމުގައި ވެސް ހިއްސާވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޝަންގްރިއްލާ ރިސޯޓާއި ހިލާފަށް، ރަސްމާލޭގައި ޑިވެލޮޕަރުގެ ޚަރަދުތަކާއި، ފައިދާގެ މިންވަރު ނުވަތަ ގެއްލުންތައް ބެލުމުގެ ކުރިން، ވިއްކާ ކޮންމެ އެއްޗެއްގެ އަގުން ޖުމްލަ 10 އިންސައްތަ ދައުލަތަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
- 5،000 ފްލެޓުގައި ދިރިއުޅޭ އާއިލާތަކުގެ އަތުން ކޮންމެ މަހަކު ޑިވެލޮޕަރު ކުލި ނަގާ ވާހަކަ:
ވަޒީރު ވިދާޅުވީ، އީގަލް ހިލްސްއިން ކުރާނެ ހަމައެކަނި ކަމަކީ 5000 ފްލެޓްތައް އެޅުން ކަމަށެވެ.
އާއިލާތަކުން ދައްކާ ކޮންމެ ފައިސާއެއް ވެސް ލިބޭނީ ދައުލަތައް ކަމަށާއި، ފްލެޓްތައް ދޫކުރާނެ ގޮތާއި، އޭގެ ޝަރުތުތައް ކަނޑައަޅާނީ ވެސް ހަމައެކަނި ދައުލަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އީގަލް ހިލްސް އާއި ދިވެހި އާއިލާއަކާ ދެމެދު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި، ދުވަހަކުވެސް އެފަދަ އެއްބަސްވުމެއް ނުހެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
- ރަސްމާލެއިން ކޮންމެ މީހަކަށް ވެސް ޕްރޮޕަޓީއެއް ގަނެވިދާނެ ކަމަށް ބުނާ ވާހަކަ:
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ހުއްދައެއް ނެތި ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއްގެ މިލްކުވެރިކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ގަންނަ ފަރާތަކުން ތިންވަނަ ފަރާތަކަށް ވިއްކާއިރު ނުވަތަ ހަދިޔާކުރާއިރު ސަރުކާރަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ސަރުކާރުން އެ ޕްރޮޕަޓީ ލިބޭ ފަރާތް ބަލައި ޗެކުކުރުމަށްފަހު، އެކަމަށް ހުއްދަ ދިނުން ނުވަތަ ހުއްދަ ނުދިނުމުގެ އިޚްތިޔާރު އޮންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޕްރޮޕަޓީއެއް ގަތުމަކީ ދިވެހިރާއްޖެއަށް އެތެރެވުމުގެ ނުވަތަ ރާއްޖޭގައި ދިރިއުޅުމުގެ ޙައްޤު ލިބިދޭ ކަމެއް ނޫންކަމަށާއި، ވިސާއަކީ މުޅިން ވަކި ނިންމުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ވިސާ ދޫކުރަން ސަރުކާރަށް އިންކާރުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވިސާ ލިބެނީ ކާކަށްތޯ ކަނޑައެޅުމުގެ އެއްވެސް ބާރެއް ޑިވެލޮޕަރަށް ނުލިބޭނެ ކަމަށާއި، ޑިވެލޮޕަރު ކުރާ މަސައްކަތަކީ ޕްރޮޕަޓީ ތަރައްގީކޮށް ވިއްކުން އެކަނިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ ލިޔުން ނިންމަވާލައްވަމުން ވަނީ މި ނިންމުމާމެދު ޚިޔާލު ތަފާތުވެ ބަހުސްކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މި ބަހުސް ބިނާކުރަންވީ މި މަޝްރޫއުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.