ޚަބަރު
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގަވާއިދު އެކުލަވާލައިފި
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގަވާއިދު އެކުލަވާލުން. ފޮޓޯ: އިންޓަރނެޓް
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ގޮތަށް ހަމަޖައްސައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދު އެކުލަވާލައިފިއެވެ.
މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އަދި ޔުނިވަރސިޓީ އުވާލުމާ ގުޅޭ ކަންކަމުގައި އެއް މިންގަނޑަކުން ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމެވެ.
އަލަށް އެކުލަވާލި ޤަވާއިދުގައިވާ ގޮތުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި 15 އަހަރު ހިންގާފައިވާ ނަމައެވެ. އަދި ބޭރު ޤައުމެއްގައި އެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުމުގެ އިތުރުން، މަދުވެގެން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީގެ ކޯސްތައް މެދުކެނޑުމެއް ނެތި 5 އަހަރު ހިންގާފައިވާން ޖެހެއެވެ. މީގެއިތުރުން ޑިގްރީ އަދި މާސްޓާސްއަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުވެގެން 1،000 އަށް އަރަންޖެހޭއިރު، އިންޓަނޭޝަނަލް ރޭންކިންގައި ބައިވެރިވެފައިވުމާއި ބައިނަލްއަޤުވާމީ ޔުނިވަރސިޓީ ޖަމްޢިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި 5 އަހަރު ހޭދަކޮށްފައިވުން ލާޒިމުކުރެއެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ ތެރެއިން 10 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ޤައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ޔުނިވަރސިޓީއަކަށް ބަދަލުވާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ފަށަންޖެހޭނެއެވެ.
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ޕޯޓަލް މެދުވެރިކޮށެވެ. މި ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާނީ މަތީ ތަޢުލީމުގެ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއް އަދި ފައިނޭންސް ދާއިރާގެ މެންބަރަކު ހިމެނޭހެން އެކުލަވާލާ 5 ބޭފުޅުންގެ ފަންނީ ކޮމިޓީއަކުންނެވެ. ޕްރޮޕޯޒަލް ބަލައިގަންނަތާ 3 މަސް ދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށް ގޮތެއް ނިންމަން ޖެހެއެވެ.
މި ޤަވާއިދުގެ ދަށުން ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރަން 100،000 ރުފިޔާގެ ފީއެއް ނަގާއިރު، އިތުރު ކެމްޕަހަކަށް ނުވަތަ އިމާރާތް ބަދަލުކުރުމަށް 15،000 ރުފިޔާ، ލަރނިން ސެންޓަރަކަށް 3،000 ރުފިޔާ އަދި އައުޓްރީޗް ސެންޓަރަކަށް 2،500 ރުފިޔާ ދައްކަންޖެހެއެވެ. މިވަގުތު ރާއްޖޭގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމީ ޔުނިވަރސިޓީ އެކަންޏެވެ.