ޚަބަރު
މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވަނީ
އެސްޓީއޯ ގެ ސްޓޯލްއެއް. ފޮޓޯ: އެސްޓީއޯ
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
މިފަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯގެ ސްޓޯލް ހާއްސަކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީގެ ހިދުމަތްތަކަށެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާމާކެޓުން ލިބެން ހުންނަ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކުރާ ސްޓޭޝަނެއް ސްޓޯލުގައި ހުންނާނެއެވެ. އަދި އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ހާއްސަ ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އެސްޓީއޯއިން މާކެޓަށް އަލަށް ތައާރަފްކުރާ ބްރޭންޑެއް މި އެގްޒިބިޝަންގެ ދެވަނަ ދުވަހު ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އައު އުފެއްދުން ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ހަމައެއާއެކު، އެސްޓީއޯ އެނާޖީގެ ފަރާތުން ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމާއި، މި ދާއިރާއިން ކަސްޓަމަރުންގެ ޑިމާންޑް ހުރި މިންވަރު ބެލުމަށްވެސް ވަނީ ނިންމާފައެވެ.
މި އެގްޒިބިޝަނާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް އެސްޓީއޯ ސްޓޯލުގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ސްޓޯލުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ 'ރެޖިސްޓަރ އެންޑް ވިން' ހަރަކާތުން ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 'ފޮލޯ އެންޑް ވިން' ހަރަކާތުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ޑިޝްވޮޝަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.