ރިޕޯޓް
ބިން ދިނީ މިލްކުވާ ގޮތަކަށް ނޫން: ރަސްމާލެއިން ހުޅުވައިދެނީ ރާއްޖޭގެ ތާރީޚީ ތަރައްޤީގެ އައު ދޮރޯށި!
ރަސްމާލެ - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ސީދާ ބޭރުގެ އިންވެސްޓްމަންޓް ކަމަށްވާ، ރަސްމާލޭގެ "އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ" މަޝްރޫޢާ ގުޅުވައިގެން ސިޔާސީ މަސްރަޙުގައި އެކި ކަހަލަ ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގަދައަށް ދެކެވެނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ވިއްކާލަނީ ކަމަށް ބުނެ ދައްކާ ވާހަކައެވެ. ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މި މަޝްރޫޢުގެ ދަށުން ބިން ދޫކުރެވެނީ ޓޫރިޒަމާބެހޭ ޤާނޫނު (2/99) ގެ ދަށުން ރިސޯޓުތައް ތަރައްޤީކުރަން ވެސް ބިން ދޫކުރާ އުސޫލުން، 50 އަހަރުން ފެށިގެން އެންމެ ދިގުވެގެން 99 އަހަރަށް ކުއްޔަށް (ލީސް އުސޫލުން) ކަމަށްވާތީ، ބިމުގެ ދާއިމީ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދަޢުލަތަށެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރެއްވި ގޮތުގައި، ރަސްމާލޭގައި ތަރައްޤީކުރާ ރިއަލް އެސްޓޭޓް އިމާރާތްތަކުން ތަނެއް ގަންނަ ފަރާތަކަށް ލިބޭނީ ހަމައެކަނި އެ ޕްރޮޕަޓީއެއްގެ ޙައްޤެވެ. އެ ތަންތަން އެހެން ފަރާތަކަށް ވިއްކުމާއި، ވާރުތަވުމުގެ ހުރިހާ މުޢާމަލާތްތަކެއް ވެސް ހިނގާނީ ސަރުކާރުގެ ފުރިހަމަ ހުއްދައާއި ބެލެހެއްޓުމުގެ ދަށުން، ކަނޑައެޅިފައިވާ ފީތައް ދެއްކުމަށްފަހުގައެވެ. މީގެ އިތުރުން، ޕްރޮޕަޓީއެއް ގަތުމަކީ އޮޓަމެޓިކުން ރާއްޖޭގެ ވިސާ ލިބޭނެ ކަމެއް ނޫން ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ އިޚްތިޔާރު އަބަދުވެސް އޮންނާނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށް ވަޒީރު ވަނީ ސާފުކޮށްދެއްވާފައެވެ.
ޔޫއޭއީގެ މަޝްހޫރު "އީގަލް ހިލްސް" ކުންފުންޏާއި ޙަވާލުކޮށްގެން ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ ރާއްޖޭގެ މުޅި ޖީޑީޕީއަށްވުރެ ވެސް ދެގުނަ ބޮޑު ބިޔަ މަޝްރޫޢެކެވެ. މިއީ ދުނިޔޭގެ އެންމެ އުސް ޢިމާރާތް ބުރްޖު ޚަލީފާ ތަރައްޤީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުޙައްމަދު އަލް އައްބާރުގެ ވިޔަފާރިއެކެވެ. ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި މަޝްރޫޢަށް ދަޢުލަތުން އެއްވެސް ސޮވްރިން ގެރެންޓީއެއް ނުވަތަ ލޯނެއް ނަގާފައި ނުވާނެ ކަމާއި، އެއްވެސް ޓެކްސް އިސްތިސްނާއެއް (ކޮންސެޝަނެއް) ނުވަތަ ޑިއުޓީ މަޢާފުކުރުމެއް ވެސް ދީފައި ނުވާނެ ކަމެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދަޢުލަތުގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، މަޝްރޫޢުގެ އެޑްވާންސެއްގެ ގޮތުގައި، ޑިވެލޮޕަރުގެ އަމިއްލަ ޚަރަދުގައި ގާތްގަނޑަކަށް 7.7 ބިލިއަން ދިވެހި ރުފިޔާގެ އަގުހުރި 3 ކޮޓަރީގެ 5،000 ހައުސިންގ ޔުނިޓް ހުޅުމާލޭގައި އަޅައިދޭނެއެވެ. މި ފްލެޓްތަކުގެ ކުލި ނެގުމާއި ހަވާލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނީ ހަމައެކަނި ދިވެހި ސަރުކާރަށެވެ. މީގެއިތުރުން، ޕްރޮޕަޓީތައް ވިއްކާ ކޮންމެ ފަހަރަކު ލިބޭ އަގުގެ %10 އަދި %4 ގެ ރަޖިސްޓްރޭޝަން ފީ ސީދާ ދަޢުލަތަށް ލިބޭއިރު، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 3 ބިލިއަން ޑޮލަރު ދަޢުލަތުގެ ޚަޒާނާއަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ.
މާލީ ވަޒީރު ޙަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫޢުގެ އެންމެހައި މާލީ މުޢާމަލާތްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ހުޅުވޭ ޚާއްޞަ އެސްކްރޯ އެކައުންޓުތައް މެދުވެރިކޮށެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ޑޮލަރު ހިފެހެއްޓި، އާންމު ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ދާއިމީ ލުޔެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ރަސްމާލެއިން ހިއްކާ 1،150 ހެކްޓަރުގެ ބިމުގެ ތެރެއިން އީގަލް ހިލްސްއަށް ކުއްޔަށް ދޫކުރަނީ 500 ހެކްޓަރެވެ. ބާކީ އޮތް 600 އަށްވުރެ ގިނަ ހެކްޓަރަކީ ދިވެހި ރައްޔިތުންގެ ގެދޮރުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެވެ. މިއީ ޖުމްލަ 65،000 ހައުސިންގ ޔުނިޓު ތަރައްޤީކުރެވޭނެ ބޮޑު ސަރަޙައްދެކެވެ.
ސިޔާސީ މަންފާއަށްޓަކައި ހަޤީޤަތް އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ބިޔަ އިންވެސްޓްމަންޓެކެވެ. ޤައުމުގެ އިސްތިޤުލާލާއި ބިމުގެ މިލްކުވެރިކަން ދަޢުލަތުގެ ބާރުގެ ދަށުގައި ދަމަހައްޓައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ދިވެހި ރައްޔިތުންގެ ގެދޮރުވެރިކަމުގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީ، ޤައުމުގެ މުސްތަޤުބަލަށްޓަކައި ހުޅުވިގެންދިޔަ ތަރައްޤީގެ ތަނަވަސް އައު ދޮރޯށްޓެކެވެ.
ހަމައެއާއެކު، އަދުގެ ސަރުކާރާއި ޤައުމުގެ ވެރިންނަށް ރައްޔިތުން އިތުބާރުކުރަންޖެހެއެވެ. ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކޮންމެ ވެރިކަމެއް ނިމުމުން ވެސް، އެ ވެރިކަމެއްގައި ތިބި ބަޔަކު ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް މިއަދު ރާއްޖޭގައި ވަނީ ޤާއިމުކުރެވިފައެވެ. އެހެންކަމުން، ސިޔާސީ ބޭނުމަށްޓަކައި އެކި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަތަކަށް ވުރެ ބޮޑަށް، ޤައުމުގެ ވަލިއްޔުލްއަމުރު ރައްޔިތުންނަށް ދެއްވާ ޔަޤީންކަމާއި އިރުޝާދުތައް ޤަބޫލުކުރުން މާ މުހިންމެވެ. މިފަދަ ބޮޑެތި ޤައުމީ މައްސަލަތަކުގައި ކަނޑައެޅިގެން ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، ކޮންމެ ރައްޔިތަކު ވެސް ޤާނޫނުތަކާއި ކަންކަމުގެ އަޞްލު ދިރާސާކޮށް، އަމިއްލައަށް ކިޔައި އޮޅުންފިލުވައިގެން ވިސްނުން އިސްކުރުމަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ފަރުދީ ޒިންމާއެކެވެ.