ދުނިޔެ
ނިއުކާސްލް ޔުނިވަރސިޓީގެ ޕްރޮފެސަރަކަށް އަމްބާނީ ހަމަޖެއްސުމުން ފާޑުކިޔުން އަމާޒުވެއްޖެ
އަމިތު އަމްބާނީ އާއި މުކޭޝް އަމްބާނީ---
އިނގިރޭސިވިލާތުގެ ނިއުކާސްލް ޔުނިވަރސިޓީގެ ސަސްޓެއިނަބިލިޓީ ދާއިރާގެ "ޕްރޮފެސަރ އޮފް ޕްރެކްޓިސް" އެއްގެ މަގާމަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު، އަނަންތު އަމްބާނީ ހަމަޖެއްސުމާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ތައުލީމީ ދާއިރާގެ ބޭފުޅުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ޔުނިވަރސިޓީއަށް އަމާޒުވެއްޖެއެވެ.
ނިއުކާސްލް ޔުނިވަރސިޓީން ބުނެފައިވަނީ، އުމުރުން 31 އަހަރުގެ އަނަންތު އަމްބާނީއަށް މި ޝަރަފުވެރި މަގާމު ދިނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަށާއި، ޖަނަވާރުންގެ ދުޅަހެޔޮކަމަށް އޭނާ ކޮށްދީފައިވާ މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ވެދީފައިވާ މުހިންމު ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
އަނަންތު އަމްބާނީ އަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ ދަރިއެކެވެ. އަމްބާނީ އާއިލާގެ މައިގަނޑު މުއްސަނދިކަން ބިނާވެފައިވަނީ ތެލާއި ގޭހުގެ ވިޔަފާރީގެ މައްޗަށެވެ. އަދި އެ އާއިލާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ހިންގާ، އަދި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއާ ގާތް ގުޅުމެއް އޮންނަ އާއިލާއެކެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ބޭއްވި އަނަންތު އަމްބާނީގެ އަގުބޮޑު ކައިވެނީގެ ހަފްލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިލަޔަންސް ގްރޫޕުގެ ބޯޑުގައި އިޔާދަކުރަނިވި ހަކަތައިގެ ބައި ބަލަހައްޓަވާ، އަދި ގާތްގަނޑަކަށް 90 ބިލިއަން ޕައުންޑްގެ މިލްކިއްޔާތެއް އޮތް އަނަންތު އަމްބާނީ ވަނީ ގުޖުރާތުގައި ހުންނަ އާއިލީ ތެޔޮ ސާފުކުރާ ކާރުޚާނާ ކައިރީގައި 1،400 ހެކްޓަރުގެ ބޮޑު އަމިއްލަ ޒޫއެއް ހަދާފައެވެ. ޚަބަރުތައް ބުނާގޮތުގައި 200 ސިންގާ އާއި 250 މިނިކާވަގާއި، 900 ކިނބޫ ހިމެނޭހެން 150،000 އަށް ވުރެ ގިނަ ޖަނަވާރު އެތަނުގައި ބަލަހައްޓައެވެ.
ނަމަވެސް، ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތައް އެ ޒޫއަށް ހޯދި ގޮތާމެދު ތިމާވެށި ރައްކާތެރިކުރާ ޖަމާއަތްތަކުން މީގެ ކުރިން ވަނީ ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް، އެއްވެސް ގޯސް އަމަލެއް ހިންގި ކަމުގެ ކުށް އެތަނުގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
ނިއުކާސްލް ޔުނިވަރސިޓީން ނިންމި މި ނިންމުމަށް ތިމާވެށީގެ މާހިރުންނާއި ޔުނިވަރސިޓީގެ މުވައްޒަފުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނިއުކާސްލް ޔުނިވަރސިޓީގެ ޔުނިވަރސިޓީ އެންޑް ކޮލެޖް ޔޫނިއަން ބްރާންޗުގެ ޗެއަރ، ޕްރޮފެސަރ މެޓް ޕެރީ ވިދާޅުވީ، ތިމާވެށީގެ ކަންބޮޑުވުންތަކާ ހުރެ ޔުނިވަރސިޓީގެ މުވައްޒަފުން މި ނިންމުމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޔުނިވަރސިޓީ އޮފް ސަސެކްސްގެ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒްގެ ކްލައިމެޓް، އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފެސަރ ލައިލާ މެހެތާ ވިދާޅުވީ، ޔުނިވަރސިޓީތަކަށް ލިބޭ އާންމު ފައިސާ މަދުވަމުންދާ މި ދަނޑިވަޅުގައި، މަހުޖަނުންނާއި ބޮޑެތި ކޯޕަރޭޝަންތަކުގެ ފައިސާއިން ތައުލީމީ ދާއިރާގެ މިސްރާބު ބަދަލުކުރުމުގެ ބޮޑު ނުރައްކަލެއް އެބައޮތް ކަމަށެވެ.