ޚަބަރު
ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް
އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ބޭއްވުނު ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން އަހައްމިއްޔަތުކަންދޭ މުހިންމު ކަންކަން ކަމުގައިވާ އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި، މޫސުމީ ވިލުންތެރިކަމަށާއި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރަށް ސާފުކޮށް ހާމަކޮށްދެއްވާފައެވެ.
އދ. ގެ ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާ ކަމަށެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި މަސައްކަތްތަކަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ނައިބު ރައީސް ވަނީ ވަކާލާތު ކުރައްވާފައެވެ. ހަމައެއާއެކު، އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި، އދ. ގެ މުޅި ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމަށެވެ. އަދި މޫސުމަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ އަވަހަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ ދައުލަތެއް ނެތިގެން ދާންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، މި ދަތުރުފުޅުގެ ތެރެއިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވިއެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައި ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވާފައިވެއެވެ.