Ads by Farudhun

ޚަބަރު

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން---

farudhun logo

ފަރުދުން

28 ސެޕްޓެމްބަރު 2026، 12:33

28 ސެޕްޓެމްބަރު 2026، 12:33

ދިވެހި ފުލުހުން ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި، 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖޭގެ "މަގުމަތިން" ނަގާފައިވާކަމަށް، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.  

ވަޒީރު އިހްސާން މިހެން ވިދާޅުވީ، "އަހާ" ފޯރަމްގެ 7 ވަނަ އެޕިސޯޑުގައި އާންމުންގެ ތެރެއިން ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.  އެ މަނިކުފާނު ވިދާޅުވީ، ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 1.5 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ފެށި މަސައްކަތް ކާމިޔާބުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ފާއިތުވެ ދިޔަ ތިން އަހަރާއި އޭގެ ކުރީގެ ސަރުކާރުތަކުގެ ތަފާސްހިސާބަށް ބަލާއިރު ބޮޑު ކާމިޔާބެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަޅުގަނޑުމެން ވާނެ ރާއްޖޭގެ މަގުތަކުން ނަގާފައި.

ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ގުޅޭ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ ހުކުމް އިއްވޭނެ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ ބިދޭސީ މީހުން ދުވަސްކޮޅަކު ޖަލުގައި ބެހެއްޓުމަށްފަހު ޑީޕޯޓުކޮށްލާފައިވާއިރު، ދިވެއްސެއް ވިއްޔާ ކަނޑައެޅޭ ވަކި މުއްދަތަކަށް އެ މީހަކު ޖަލުގައި ބައިތިއްބަމުން ދިޔައެވެ. ނަމަވެސް ރާއްޖެއަކީ މަސްތުވާތަކެތީގެ މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާ ގައުމެއްކަން އެނގިގެން، ރާއްޖެއިން ބޭރުން މަސްތުވާތަކެތި ހިފައިގެން އައުން ވަރަށް ބޮޑަށް މަދުކުރެވިއްޖެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، "ޑްރަގު ވިއްކައިގެން ދިވެހި ރާއްޖޭގެ ރައްޔިތުން ހާލުގައް ދެނެއް ނުޖެއްސޭނެ." މި ބަސްފުޅުން ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ސަރުކާރުން ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450