ކުޅިވަރު

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ގަދަ ހިފުމަކަށްފަހު އިރާން ޓީމު އަތުން އެޗްޑީސީ ބަލިވެއްޖެ

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ގަދަ ހިފުމަކަށްފަހު އިރާން ޓީމު އަތުން އެޗްޑީސީ ބަލިވެއްޖެ

އެޗްޑީސީއިން އީރާނުގެ ޗަދޯރުމަލޫ މެޗުގައި ޕޮއިންޓެއް ހޯދުމަށްފަހު އުފާފާޅުކުރަނީ--- ފޮޓޯ: ކާވާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޑިސެމްބަރު 2024، 06:22

09 ޑިސެމްބަރު 2024، 06:22

ހުލާސާ

ކާވާ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް، އެ ޓީމުގެ ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން ވަނީ ހަނިގޮތަކަށް ބަލިވެފައި.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެޗްޑީސީން ކުޅުނު ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން ހަނިގޮތަކަށް ބަލިވެއްޖެއެވެ. ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 7-14 އަށް ކުރިޔަށްދާ މި މުބާރާތުގައި އެޗްޑީސީގެ ދެވަނަ މެޗުން އެ ޓީމު ބަލިވީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީއަށް ދެއްކިފައިވަނީ އާދައިގެ ކުޅުމެކެވެ. މި ސެޓުގައި އެޗްޑީސީގެ ރިސީވްތައް ދަށްވުމުގެ ފައިދާ ނަގައި، ޗަދޯރުމަލޫއިން ވަނީ ފަސޭހަކަމާއެކު 25-16 ޕޮއިންޓުން ސެޓު ކާމިޔާބުކޮށްފައެވެ.

ނަމަވެސް ދެވަނަ ސެޓުގައި އެޗްޑީސީއިން އެ ޓީމުގެ ކުޅުން ރަގަޅުކުރިއެވެ. އަދި ދެވަނަ ސެޓު 25-22 ޕޮއިންޓުން ކާމިޔާބު ކުރީވެސް އެޗްޑީސީއެވެ. މި ސެޓުގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ފައިރޫޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެއަށްފަހު މެޗުގެ ތިން ވަނަ ސެޓު ކާމިޔާބުކޮށް އެޗްޑީސީއިން ފަހަތުން އަރާ ލީޑު ނެގިއެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 ޕޮއިންޓުންނެވެ.

ތިންވަނަ ސެޓަށްފަހު އެޗްޑީސީގެ ކުޅުން ކުރީ ދެ ސެޓަށް ވުރެން ދަށްވިއެވެ. އެހެންކަމުން މި ސެޓު 25-20 ޕޮއިންޓުން ކާމިޔާބުކުރީ ޗަދޯރުމަލޫއެވެ. 

މެޗުގެ ފަހު ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް މި ސެޓު ޑޮމިނޭޓުކޮށް، 15-13 ޕޮއިންޓުން ކާމިޔާބު ކުރީ ޗަދޯރުމަލޫއެވެ. 

މި މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ނޭޕާލުގެ ގަންޑަކީ ޕްރިޑޭޝް އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް (އެޗްއެންއެސްސީ) އެވެ. މި މެޗު 3-1 ސެޓުން ކާމިޔާބު ކުރީ އެޗްއެންއެސްސީއެވެ.

މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. އެޗްޑިސީއިން މިއަދު އިންޑިއާގެ ކަލިކުޓް ހީރޯޒްއާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި ބައްދަލު ކުރާނީ ނޭޕާލްގެ ގަންޑަކީ ޕްރިޑޭޝް އާއި އިރާންގެ ޗަދޯރުމަލޫއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS