ޚަބަރު
ރިއަލް އެސްޓޭޓް ޤާނޫނު އެކުލަވާލަނީ އެ ދާއިރާއަށް ޚާއްސަ ޤާނޫނެއް ނެތުމުން: ބަންޑާރަނައިބު
ބަންޑާރަ ނައިބު އަޙްމަދު އުޝާމް. ފޮޓޯ: ރައީސް އޮފީސް
ރިއަލް އެސްޓޭޓް ޤާނޫނަކީ ވަކި މަޝްރޫޢަކަށް ޚާއްސަކޮށްގެން އެކުލަވާލާ ޤާނޫނެއް ނޫން ކަމަށާއި، އެއީ އެ ދާއިރާއަށް ޚާއްސަ ޤާނޫނެއް ނެތުމުން ވުޖޫދުކުރާ މުހިންމު ޤާނޫނެއް ކަމަށް ބަންޑާރަނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނާއިބު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ ރިއަލް އެސްޓޭޓް ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، މިއީ ހަމައެކަނި ރަސްމާލެ މަޝްރޫޢަށް އަމާޒުކޮށްގެން އެކުލަވާލާ ޤާނޫނެއް ނޫން ކަމަށެވެ. އަދި މި ޤާނޫނަކީ މިހާރުން މިހާރަށް ވެސް ރާއްޖެއަށް ނުހަނު މުހިންމު ޤާނޫނެއްކަން ފާހަގަކުރެއްވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ މި ޤާނޫނު ވުޖޫދުވުމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް މިފަދަ ޕްރޮޖެކްޓުތައް ހިންގުމުގެ ފުރުޞަތު ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫޢާ ގުޅޭގޮތުން ބަންޑާރަނާއިބު ވިދާޅުވީ، އެ މަޝްރޫޢުގައި މިހާތަނަށް އޮތީ ކޮމާޝަލް ޓާމް އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބަންޑާރަނާއިބުގެ އޮފީހުގެ ލަފާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މާސްޓާ ޑިވެލޮޕްމަންޓް ޕްލޭންގައި ސޮއިކުރާނީ އެކަމަށް ބޭނުންވާ ޤާނޫނުތައް ވުޖޫދުވުމުން ކަމަށް ބަޔާންކުރައްވަމުން، ރަސްމާލެ މަޝްރޫޢުގައި ވެސް އަދި އެ ނޫން މަޝްރޫޢެއްގައި ވެސް މި ސަރުކާރުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ޔަޤީންކަން ބަންޑާރަނާއިބު ވަނީ ދެއްވާފައެވެ.