ވިޔަފާރި / ޚަބަރު
ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކޮށްދެއްވާ މުއްދަތު ހަމަވަނީ

ސްޓެލްކޯ ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މަޢާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މި އިންތިޒާމު ހަމަޖެހިފައިވަނީ 2024 އޭޕްރީލް 1 އިން ފެށިގެންނެވެ.
މި ފުރުޞަތުގެ ދަށުން، 2023 ޑިސެންބަރު 31 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ޖޫރިމަނާ މަޢާފުކުރެވޭނެއެވެ. މިގޮތުން، ބިލުގެ ޕްރިންސިޕަލް އަދަދު ދެއްކުމުން، 2023 ޑިސެންބަރު 31 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވަނީ ހަމައެކަނި އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކަށެވެ. އެއީ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ.
އަދި މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 2024 ޑިސެންބަރު 31 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި ތާރީޚުގެ ނިޔަލަށް ޔޫސޭޖް އަދަދު ދައްކާ ހަލާސްނުކުރެވޭނަމަ، އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު 2025 ޖަނަވަރީ 1 އިން ފެށިގެން އަލުން ބިލުތަކުގައި ހިމެނޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ކުންފުނިން އެދިވަޑައިގެންފައިވެއެވެ.