ޚަބަރު
އުސް އިމާރާތްތަކުގައި އަލިފާން ނިއްވަން ޑްރޯން ބޭނުންކުރަން ތައްޔާރުވަނީ
ޑިފެންސް މިނިސްޓަރ ރަޝީދު. ފޮޓޯ: ރައީސް އޮފީސް
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށާއި، އަދި އެފަދަ ހާދިސާތަކަށް ބޭނުންވާ އިތުރު ޓްރެކްތަކާއި ބައުޒަރުތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމު ފަރާތަކުން ހިޔާ ޓަވަރު ފަދަ އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވުމުގެ އެކަށީގެންވާ ވަސީލަތްތައް ހުރިތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭއިރު، އެފަދަ ހާދިސާއެއް ހިނގައިފިނަމަ ފުރިހަމައަށް އެޓެންޑްވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އުސް އިމާރާތްތަކުގެ އަލިފާނުގެ ހާދިސާތަކަށް ބޭނުންވާ އިތުރު ވެހިކަލްތަކާއި ބައުޒަރުތައް ހޯދުމުގެ މަސައްކަތް މިހާރު އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ 15 ފަންގިފިލާގެ އިމާރާތްތަކާ ހަމައަށް ފޯރާނެ ފަދަ ވަސީލަތްތަކެކެވެ.
މީގެއިތުރުން، އެފަދަ ވެހިކަލްތައް ހޯދި ނަމަވެސް މާލޭގެ މަގުތަކުގެ ދަތިކަމުގެ ސަބަބުން އަލިފާން ނިއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މިކަމާ ގުޅޭ އެސެސްމަންޓްތައް މިހާރު ހެދިފައިވާ ކަމަށާއި، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.