ޚަބަރު
އޮޅުވާލައިގެން ރަޖިސްޓްރީކުރި އުޅަނދުތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
މާލެ ސަރަހައްދަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަ ވަރަށް ގާތުން ބައްލަވައި ފިޔަވަޅު އަޅުއްވާނެކަމުގެ ފުރިހަމަ ޔަގީންކަން، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލެ ސަރަހައްދަކީ "ރަޖިސްޓްރީ ކޮންޓްރޯލް ޒޯނެއް" ގެ ގޮތުގައި ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ގާއިމުކުރުން ކަމަށެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭހެން، ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ވިލަރެސްކުރާނެ ރަސްމީ އިދާރާއެއް އުފައްދައި ބެލެހެއްޓެން ފެށުމުން، ރަޖިސްޓްރޭޝަނާ ގުޅޭ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ގިނަކަމުން އެކަމުގެ ކަންބޮޑުވުން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
"އެއް ގަރާޖަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ އުޅަނދު ރަޖިސްޓްރީކޮށްފައި އެބަހުރި. މިއީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން ހިނގާފައިވާ ކަންކަން. މިކަން ސިއްރުކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންކަމުން ގަރާޖެއް ނެތި ރަޖިސްޓްރީކުރުން ހުއްޓުވައި، މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި، ފުލުހުންނާއި މިނިވަން މުއައްސަސާތަކާ ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރެވެމުން،"
ވަޒީރު ސަޢީދު
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާލެ ސަރަހައްދުގެ މަގުތަކުގެ 82 އިންސައްތަ ޖާގަ މިހާރުވެސް ބޭނުންކުރެވެނީ އުޅަނދުފަހަރަށް ކަމަށާއި، ހިނގާބިނގާވެ އުޅުމަށް އޮތީ އެންމެ 18 އިންސައްތަ ޖާގަ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 130،806 އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި 14،911 ކާރާއި 115،895 ސައިކަލު ހިމެނޭކަން ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ސަރުކާރުގެ އަމާޒަކީ އިސްލާހީ ފިޔަވަޅުތަކާއެކު ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެގޮތުން "މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" ގެ ދަށުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ޓްރެފިކް ނިޝާންތައް ހަރުކުރުމާއި، މަގުމަތި ބަލަހައްޓާ ފުލުހުންގެ އަދަދު އިތުރުކުރުމުގެ އިތުރުން، ބާރުބޮޑުވާ ވަގުތުތަކުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހިން މާލެއަށް ދަތުރުކުރާނެ ބަހުގެ ހިދުމަތް ތައާރަފުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާލޭގެ ބިމުގެ ޖާގަ އިތުރަށް ތަނަވަސްކުރެވެން ނެތުމުން، ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ އުޅަނދުތައް މަދުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމަށް ރައްޔިތުން ބަރޯސާވާ މިންވަރު އިތުރުކުރުމެވެ. އަދި މި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް، ދުރާލާ ރޭވިގެން ކަމަށާއި، މި ފިޔަވަޅުތަކާއެކު ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލައަށް އެދެވޭ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.