ޚަބަރު
ކޮމްސެކްގެ ތަމްރީނު ޕުރޮގުރާމުގައި ޒަކާތު ހައުސްގެ ޑީޖީ ބައިވެރިވެވަޑައިގެންފި
ޒަކާތު ހައުސްގެ ޑީޖީ އައްޝައިޚް އިމްޠިޠާޢު ޢައްބާސް. ފޮޓޯ: ޒަކާތު ހައުސް
މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް ސޯޝަލް ފައިނޭންސް އިންސްޓްރުމަންޓްތައް ބޭނުންކުރުމާ ގުޅޭގޮތުން ކޮމްސެކް (COMCEC) އިން މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކުރިއަށްގެންދާ އެގްޒެކެޓިވް ޓްރެއިނިންގ ޕުރޮގުރާމާއި ވޯކްޝޮޕުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގެންފިއެވެ.
"ޔުޓިލައިޒިންގ އިސްލާމިކް ސޯޝަލް ފައިނޭންސް އިންސްޓްރުމަންޓްސް އޭޒް ޕަވަރފުލް އޮލްޓަނޭޓިވްސް ފޯރ ކްލައިމެޓް ރެޒިލިއަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕުރޮގުރާމަކީ ކޮމްސެކް ޕްރޮޖެކްޓްގެ ދަށުން މެލޭޝިއާގެ އިންސީފް (INCEIF) ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ޕުރޮގުރާމު ކުރިއަށްދަނީ ކުއަލަލަމްޕޫރުގެ އިންސީފް ޔުނިވަރސިޓީގައި ހަތަރު ދުވަހުގެ މުއްދަތަށެވެ. މީގެ ތެރޭގައި ދެ ދުވަހުގެ އެގްޒެކެޓިވް ތަމްރީނު ޕުރޮގުރާމަކާއި ދެ ދުވަހުގެ ވޯކްޝޮޕެއް ހިމެނެއެވެ.
މި ޕުރޮގުރާމަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، ޒަކާތާއި ވަޤުފް މުއައްސަސާތަކުގެ މަންދޫބުންގެ އިތުރުން ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއް ތަނަކަށް ޖަމާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް ސޯޝަލް ފައިނޭންސް މެދުވެރިކޮށް އެހީތެރިވެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ޕުރޮގުރާމެކެވެ.
މި ތަމްރީނު ޕުރޮގުރާމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އެކަންކަމަށް ހޭނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ގިންތިތަކާއި، ދެމެހެއްޓެނިވި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް އަލަށް ތަޢާރަފުވަމުން އަންނަ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މީގެއިތުރުން، ޒަކާތާއި ވަޤުފް އަދި ޞަދަޤާތް އިންޓެގްރޭޓްކޮށްގެން ބޭނުންކުރުމާއި، ބްލެންޑެޑް އިސްލާމިކް ފައިނޭންސް މޮޑެލްތަކާއި، މޫސުމީ އަދި މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތައް ފަރުމާކުރުމާ ގުޅޭގޮތުން ވެސް ބައިވެރިން ދިރާސާކުރާނެއެވެ. އަދި މޫސުމަށް ހޭނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އިސްލާމިކް ސޯޝަލް ފައިނޭންސްގެ އުސޫލުތައް ބޭނުންކޮށްގެން މަޝްރޫޢުތައް އެކުލަވާލުމުގެ ޢަމަލީ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.