ކުޅިވަރު
ރޮނާލްޑޯގެ ކިބައިން މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުހިނގާ: ޕޯޗުގަލްގެ ކޯޗު
ބްރެޒިލްގެ ކޯޗު ޖޯޖް ޖީސަސް---
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކިބައިން މާފަށް އެދެންޖެހޭ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށާއި، ގައުމީ ޓީމުގެ ދޮރު އޭނާއަށް އަދިވެސް ބަންދުނުވާ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ބުނެފިއެވެ.
ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖީސަސް ބުނީ، އުމުރުން 41 އަހަރުގެ ރޮނާލްޑޯއާ މެދު ހިނގައިދިޔަ ކަންކަމަކީ އޭނާ މާ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކޭ ކަންކަމެއް ނޫން ކަމަށެވެ. އަދި އޭނާ ކްލަބް ލެވެލްގައި އަލް ނަސްރުގައި ކުޅެމުންދާނަމަ، ދެން އެންމެ އަވަހަށް ނަގާ ސްކޮޑަށް ވެސް އޭނާ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޗު ފާހަގަކުރިއެވެ.
މި މައްސަލަ އުފެދެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ޖީސަސް ބުނީ، މައްސަލައަކަށްވީ ވޯމްއަޕް ކުރުމަށްފަހު ރޮނާލްޑޯ ކުޅެން ނާރުވައި ބެންޗުގައި ބޭންދުމުން ކަމަށެވެ.
ވަރަށް ގިނަ ކުޅުންތެރިން މިއަދުވެސް ވޯމްއަޕްކޮށްފައި ކުޅެން ނާރާ އެބަތިބި. އެއީ ފުޓުބޯޅައިގައި އާންމު ކަމެއް. އެކަމަކު ރޮނާލްޑޯއަކީ ޕޯޗުގަލްގެ ރަމްޒަކަށް ވާތީ މައްސަލަ ބޮޑުވީ. ނިންމުންތަކުގެ ޒިންމާ އަހަރެން ނަގަން. އެކަމަކު މާފަށް އެދެންވީ ކޮން ކަމަކާ، ކާކުގެ ކިބައިން؟ މާފަށް އެދެންޖެހޭ ފަދަ އެއްވެސް ކަމެއް ނުހިނގާ.
ކޯޗު ބުންޏެވެ.
މީގެއިތުރުން، ރޮނާލްޑޯ ގައުމީ ޓީމަށް އެނބުރި އައުމާމެދު ގޮތެއް ނިންމާނީ އަމިއްލައަށް ކަމަށާއި، ދެން ސްކޮޑަށް ނެގުމުގެ ކުރިން ދެމީހުންގެ މެދުގައި މަޝްވަރާކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ރޮނާލްޑޯ ގައުމީ ޓީމުން ވަކިވާން ވާނީ ހާއްސަ ވަދާއީ މެޗަކުން ކަމަށް ކުރިންވެސް އޭނާ ގަބޫލުކުރާ ކަމަށް ޖީސަސް ހާމަކުރިއެވެ. އެހެންނަމަވެސް، ޓީމު ނެގުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި ކޯޗަށް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށް އަލިއަޅުވާލަމުން ކޯޗު ބުނީ، މެޗުގެ ފަހުކޮޅު ޗިކޯއަށް ރަތްކާޑު ދެއްކުމުން 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް، ޔޫރަޕްގެ ވަރުގަދަ ޓީމެއްގެ މައްޗަށް ހޯދި މޮޅަކީ ވަރަށް މުހިންމު އަދި އަގުހުރި ކާމިޔާބީއެއް ކަމަށެވެ.