Ads by Farudhun

ޚަބަރު

އެމްއާރުއައި ހިދުމަތް އިތުރު ތިން ރަށެއްގައި ފެށުމަށް ދަނީ މަސައްކަތްކުރަމުން

އެމްއާރުއައި ހިދުމަތް އިތުރު ތިން ރަށެއްގައި ފެށުމަށް ދަނީ މަސައްކަތްކުރަމުން

ހޮސްޕިޓަލެއްގައި ބަހައްޓާފައިވާ އެމްއާރުއައި މެޝިނެއް---

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2026، 08:38

05 އޮކްޓޯބަރު 2026، 08:38

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އިތުރު ތިން ހިސާބެއްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށްޓަކައި، ފާއިތުވި ހަފްތާގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިހާރު މާލެއިން ބޭރުގައި އެމްއާރުއައިގެ ޚިދުމަތް ދެމުން އަންނަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ ދެން އެންމެ އަވަހަށް ގދ. ތިނަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީގައި މި ޚިދުމަތް ގާއިމުކުރުމަށެވެ. މިއީ މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެއިތުރުން، އަތޮޅުތަކުގައި ޑައިގްނޮސްޓިކް ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ފަށާފައިވާއިރު، އިތުރު 8 ރަށެއްގައި މި ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ތ. ވޭމަންޑޫގައެވެ.

ހަމައެއާއެކު، މިހާތަނަށް 17 ސިއްހީ މަރުކަޒެއްގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ގާއިމުކުރެވިފައިވާއިރު، އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީގެ ޚިދުމަތް ފުވައްމުލަކު އަދި ބ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލާއި، ހއ. އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

އެކްސްރޭގެ ޚިދުމަތަށް ބަލާއިރު، މިހާރު 4 ސިއްހީ މަރުކަޒެއްގައި މި ޚިދުމަތް ގާއިމުކުރެވިފައިވާއިރު، އިތުރު 16 ސިއްހީ މަރުކަޒެއްގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ލެބޯޓްރީގެ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން، 77 ރަށެއްގައި މިނިމަމް ޓެސްޓިންގ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މުޅިން އަލަށް 22 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކުރެވިފައިވާއިރު، އިތުރު 52 ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ.

މީގެއިތުރުން ކިޑްނީ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި މިހާރުވެސް 11 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވާއިރު، އިތުރު 9 ރަށެއްގައި މި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހުރިހާ މަޝްރޫއުތަކަކީވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވިޔަސް، އަސާސީ އަދި ހާއްސަ ސިއްހީ ފަރުވާ ހޯދުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450