ޚަބަރު
ބޮޑުތަކުރުފާނު މަގުގެ އަލަށް ހަދާ ސަރަހައްދުން ގާތަށް ނަގަން ފަށައިފި
ބޮޑުތަކުރުފާނު މަގުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުން / ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އެ ސަރަހައްދުގައި މިހާރު ޖަހާފައިވާ ޕޭވިންގ ގާތައް ނެގުމުގެ މަސައްކަތުންނެވެ. އަދި މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މީގެއިތުރުން، މި މަޝްރޫޢު ނިމުމުން މާލޭގެ ޓްރެފިކް ބާރުބޮޑުވުމަށް ހައްލެއް ލިބި، އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ގުޅުވައިދިނުމަށް މަގުފަހިވެގެންދާނެއެވެ.
Phase 3 of the Boduthakurufaanu Magu Road Project is now underway. Works have begun with the removal of existing paving blocks, with sidewalk construction to follow this week The development of improved road infrastructure will provide smoother and more convenient travel for residents of Malé City, while contributing to a better-connected and more accessible city. #TeamMTCC #GaumuBinaaKurumugaiMTCC #RayyithungeKunfuni
— MTCC Plc (@MTCCPlc) October 5, 2026
މި މަސައްކަތުގެ 3 ވަނަ ފިޔަވހީގައި ހިމެނެނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ. މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރު މަހު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު އަންނަނީ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.