ކުޅިވަރު

ނައިވާދޫއިން ފުރަތަމަ ހާފުގައި ހަނިމާދޫ ރޫޅާލައި، ބަދަލު ހިފައިފި

ނައިވާދޫއިން ފުރަތަމަ ހާފުގައި ހަނިމާދޫ ރޫޅާލައި، ބަދަލު ހިފައިފި

ހަނިމާދޫގެ އަބްދުﷲ ވިސާމް ބޯޅަ ހިފައިގެން / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޮކްޓޯބަރު 2026، 08:03

06 އޮކްޓޯބަރު 2026، 08:03

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ނޯތު ޒޯން 1 ގައި ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫއާ ދެކޮޅަށް ކުޅުނު މެޗު 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ނައިވާދޫއިން ފުރިހަމަ ބަދަލެއް ހިފައިފިއެވެ.

މި މެޗުގައި ނައިވާދޫއިން ޖެހި ހުރިހާ ލަނޑެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މިއީ މި އަހަރުގެ އެފްއޭއެމް ފުޓްސަލް އަތޮޅު މުބާރާތުގެ ފައިނަލުގައި ހަނިމާދޫ އަތުން 0-2 އިން ބަލިވި ފަހުން، މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. ރާއްޖޭގެ ފުޓްސަލްގައި ނުފޫޒުގަދަ ނައިވާދޫއިން ވަނީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެށުނީއްސުރެ މެޗު ކޮންޓްރޯލްކޮށް، ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އަބްދުﷲ ވިސާމް ވަނީ ލަނޑު ޖަހައި ނައިވާދޫއަށް 0-2 ގެ ލީޑެއް ނަގައިދީފައެވެ. އޭގެ ފަހުން މުޙައްމަދު އަސްލަމް ފޮނުވާލި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، މެޗުގެ އަށްވަނަ މިނެޓުގައި މުޙައްމަދު ޝާއިން ވަނީ ނައިވާދޫގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން މައިޝާން، އަލީ ހުސާމް އަދި ހުސައިން އަސްލަމް ޖެހި ލަނޑުތަކާއެކު ނައިވާދޫއިން ފުރަތަމަ ހާފު ނިންމާލީ 0-6 ގެ ލީޑަކާއެކުގައެވެ. ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މޮޅާއެކު ނައިވާދޫ ލީގު ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫ ޖޭ ސްޕޯޓްސް އެކެޑަމީއާ ދެކޮޅަށެވެ.

މި ޒޯނުގައި ކުޅުނު އަނެއް މެޗުގައި އިހަވަންދޫ ފައިނަލަށް ދަތުރުކުރީ ކަނޑިތީމާ ވާދަކޮށް 4-4 އިން އެއްވަރުކޮށްގެންނެވެ. ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް ކަނޑިތީމަށް މޮޅުވުން މަޖުބޫރުވެފައި އޮތްއިރު، އިހަވަންދޫއަށް ބޭނުންވީ ބަލިވޫން ނޫން ގޮތެކެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ރައުލް ނިޔާޒް ކަނޑިތީމަށް ލީޑު ނަގައިދިންއިރު، 23 ވަނަ މިނެޓުގައި މުޙައްމަދު ޝާން ވަނީ 0-2 ގެ ލީޑެއް ނަގާފައެވެ.

ނަމަވެސް، އިހަވަންދޫއިން ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ 4-4 އަށް ބަދަލުކޮށްލާފައެވެ. އިހަވަންދޫއިން ނަތީޖާ އަނބުރާލުމުގައި މިސްރުގެ ކުޅުންތެރިޔާ އަޙްމަދު އަލްސައީދު ހެޓްރިކެއް ފުރިހަމަކުރިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖެހައިދިނީ އިބްރާހީމް ޙާމިދެވެ. މި ނަތީޖާއާއެކު ކަނޑިތީމު މުބާރާތުން ވަކިވާން ޖެހުނުއިރު، އިހަވަންދޫ ވަނީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450