ދުނިޔެ / ވިޔަފާރި

"ހަރޝީޒް" ގަތުމަށް މޮންޑެލީޒް އިންޓަރނޭޝަނަލް އިން މަސައްކަތް ކުރަނީ

"ހަރޝީޒް" ގަތުމަށް މޮންޑެލީޒް އިންޓަރނޭޝަނަލް އިން މަސައްކަތް ކުރަނީ

ހަރޝީ ކުންފުނީގެ މައި އޮފީސް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޑިސެމްބަރު 2024، 12:26

10 ޑިސެމްބަރު 2024، 12:26

އެމެރިކާގެ ބޮޑު ޗޮކްލެޓް ކުންފުންޏެއް ކަމަށްވާ ހަރޝީ ގަތުމަށް މޮންޑެލީޒް އިންޓަރނޭޝަނަލް އިން މަސައްކަތް ކުރަމުންދާކަމަށް ބުނެ ނެރުނު ރިޕޯޓަކާ ގުޅިގެން ހަރޝީގެ ހިއްސާގެ އަގު 10 އިންސައްތައަށް ވުރެ މަތިވެއްޖެއެވެ. މި ދެ ކުންފުނި އެއްވެއްޖެނަމަ އަހަރަކު 50 ބިލިއަން ޑޮލަރު (39.2 ބިލިއަން ޕައުންޑް) އަށް ވުރެ ގިނަ އަދަދެއްގެ ވިޔަފާރި ކުރެވޭނެ ބޮޑު ކުންފުންޏަކަށް ވެގެންދާނެއެވެ.

މި މައުލޫމާތު ހާމަކުރި ބްލޫމްބަރގް އިން ބުނެފައިވަނީ މިހާރު މި މަޝްވަރާތައް ދަނީ އިބްތިދާއީ މަރުހަލާގައި ކަމަށާއި، މި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވޭނެކަން ޔަގީން ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބީބީސީ ނިއުސް އިން އެދުމުން ވެސް ދެ ކުންފުނިން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.

2016 ވަނަ އަހަރު މޮންޑެލީޒް އިން ހަރޝީ ގަތުމަށް ހުށަހެޅި 23 ބިލިއަން ޑޮލަރުގެ އޮފަރ ހަރޝީ އިން ވަނީ ދޫކޮށްލާފައެވެ. މި ކުންފުނި ވިއްކާލުމަށް ކުރިން ވެސް ހުރަސްއަޅާފައިވާ ހަރޝީ ޓްރަސްޓް ކޮމްޕެނީގެ ހުއްދަ ލިބުމަކީ މިފަހަރު ވެސް މި ޑީލް ކުރިއަށް ދިއުމަށް މުހިންމު ކަމެކެވެ.

މި ދެ ކުންފުނި އެއްވެއްޖެނަމަ ދުނިޔޭގެ އެންމެ މަޝްހޫރު ކާބޯތަކެއްޗާއި ސްނެކް ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށަށް އަންނާނެއެވެ. ހަރޝީ އަކީ ހަރޝީ ކިސަސް އަދި ރީސީސް ޕީނަޓް ބަޓަރ ކަޕްސް ފަދަ ބްރޭންޑްތަކުން މަޝްހޫރު ކުންފުންޏެކެވެ. އަދި މޮންޑެލީޒްގެ ބްރޭންޑްތަކުގެ ތެރޭގައި ކެޑްބަރީ، ރިޓްޒް ކްރެކަރސް، އޯރިއޯ ބިސްކޯދު އަދި ޓޮބްލެރޯން ޗޮކްލެޓް ހިމެނެއެވެ.

މިފަދަ ޑީލްތަކަށް ކުންފުނިތަކުން މަސައްކަތް ކުރަމުންދަނީ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ކަސްޓަމަރުން ގަންނަ މިންވަރު މަދުވެ، ކުންފުނިތަކުގެ ކުރިއެރުން ލަސްވަމުން ދާތީއެވެ. ޚާއްޞަކޮށް ޗޮކްލެޓް ކުންފުނިތަކަށް ކޮކޯގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS