Ads by Farudhun

ޚަބަރު

ޕާސްޕޯޓުގެ އާ ސްޓޮކެއް ލިބޭނެ އާ ތާރީޚެއް އިމިގްރޭޝަނުން ހާމަކޮށްފި

ޕާސްޕޯޓުގެ އާ ސްޓޮކެއް ލިބޭނެ އާ ތާރީޚެއް އިމިގްރޭޝަނުން ހާމަކޮށްފި

ދިވެހި ޕާސްޕޯޓް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޮކްޓޯބަރު 2026، 02:05

06 އޮކްޓޯބަރު 2026، 02:05

ރާއްޖެއަށް ޕާސްޕޯޓުގެ އާ ސްޓޮކެއް ލިބި، އާންމު ހާލަތަށް ޚިދުމަތްތައް ރުޖޫއަވާނީ އަންނަ ހަފުތާގައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިދިޔަ އޮގަސްޓު 27 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ވަނީ، ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބުނެ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން އިމިގްރޭޝަނުން ކުރިން ދިން މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް މި ވަގުތު ޕާސްޕޯޓު ދޫކުރުމުގައި އިސްކަންދެމުން އަންނަނީ އިމަޖެންސީ ހާލަތްތަކަށް އެކަނި ކަމަށް އެ އިދާރާއިން ބުނެއެވެ.

ޕާސްޕޯޓު ސްޓޮކް ނުލިބި ލަސްވުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ މީގެ ކުރިން ވެސް ލުއި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ ފަރާތްތަކުގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު، އެއްވެސް ފީއަކާ ނުލައި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދޭން ވަނީ ނިންމާފައެވެ. އަދި އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަން ޖެހޭ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތު އޮންނަ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރުމަށް ވެސް ހަމަޖެހުނެވެ.

މީގެ އިތުރުން، މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން ވަނީ މެދުކަނޑާލާފައެވެ. އޭރު އެ އިދާރާއިން ހާމަކުރި ގޮތުގައި އެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450