ޚަބަރު
ތަރައްޤީގެ މަޝްރޫއުތައް ހަލުވި ކުރުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފި
މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސަރުކާރުން މުޅި ރާއްޖޭގައި ކުރިއަށްގެންދަވާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ޙައްލުތަކެއް ހޯދިފައިވާ ކަމަށެވެ. އެހެންކަމުން، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިހުރި ގިނަ މަޝްރޫޢުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، ރައްޔިތުންނާ ގުޅިފައިވާ މިފަދަ މުހިންމު މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި، ހުރިހާ މުއައްސަސާތަކަކުން ވެސް ގުޅިގެން، އިތުރު ހިތްވަރަކާއެކު މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.
ރައްޔިތުންނަށް އެންމެ މުހިންމު ހުރިހާ މަޝްރޫއުތަކެއް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، އޮގަސްޓު މަހު އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ "ޖަގަހަ ޖަލްސާ"ގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް ބޮޑު އަނދަވަޅުން ސަލާމަތްކޮށް، ޤައުމު ކޮޅަށް ޖަހަމުން، އެއާއެކީގައި ތަރައްޤީގެ މަޝްރޫޢުތައް ވެސް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.