ޚަބަރު
ޑްރަގް ޑީލަރު އަބުޗާ ޕެރޯލް ބާތިލުކޮށް އަލުން ހައްޔަރުކޮށްފި
ޕޭރޯލްގެ ދަށުން ދޫކޮށްލި، އަބްދުﷲ އިބްރާހީމް (އަބުޗާ)---
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާ ގުޅިގެން އުމުރަށް ޖަލަށްލާފައި ހުއްޓާ ޕޭރޯލްގެ ދަށުން ދޫކޮށްލި، އަބްދުﷲ އިބްރާހީމް (އަބުޗާ) އަލުން ޖަލަށް ގެންދިއުމަށްޓަކައި މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ މިއަދު ހަވީރު 16:48 ހާއިރުއެވެ.
ޕެރޯލަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަކި ހާއްސަ ޝަރުތުތަކަކާ އެކު މުޖުތަމައުއަށް ދޫކޮށްލުމެވެ. ނަމަވެސް، އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
މިކަމާ ގުޅިގެން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ޕޭރޯލް ބޯޑުން އަބުޗާ ދޫކޮށްލަން ނިންމި ނިންމުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ މިންވަރަށް ކަންކަން ބަލާފައި ނުވާ ކަމަށެވެ. އަދި މަސްތުވާތަކެތި ވަކި އަދަދަކަށް ވުރެ ގިނައިން ޓްރެފިކް ކުރާ މީހުންނަކީ އެއްވެސް ގޮތަކުން އަދަބު ލުއި ނުކުރެވޭނެ ބައެއްގެ ގޮތުގައި ހެދުމަށް ޕޭރޯލް ގާނޫނަށް މިހާރު އިސްލާހު ގެނެވިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަބުޗާ ކަނޑުމަތިން އަތުލައިގަތީ އޮކްޓޯބަރު 2020 ގައެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށްވާ 25 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އުމުރު ދުވަހުގެ ބޮޑު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ޤާނޫނާ ޚިލާފަށް އޭނާ ދޫކޮށްލި މައްސަލަ ބަލައި، އަލުން ހައްޔަރުކޮށް ޖަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.