ޚަބަރު
އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑެއް ރާއްޖޭގައި އައުޓްލެޓެއް ހުޅުވައިފި
އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑު "ކެފޭ ބާބެރާ" ގެ އައުޓްލެޓް ހުޅުވުން / ފޮޓޯ: އެޗްޑީސީ
ދުނިޔެއަށް މަޝްހޫރު އިޓަލީގެ ކޮފީ ބްރޭންޑް، "ކެފޭ ބާބެރާ" އިން ރާއްޖޭގައި އެ ބްރޭންޑުގެ ފުރަތަމަ އައުޓްލެޓް، ހުޅުމާލޭގެ މެންހަޓަން ގްރޭންޑ ހޮޓެލްގައި ހުޅުވައިފިއެވެ.
މި އައުޓްލެޓް ރަސްމީކޮށް ހުޅުވާފައި ވަނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި ވާރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ނަޢީމް އާއި އެ ކުންފުނީގެ ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މެންހަޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގެ ލޮބީގައި ހުޅުވި މި ކެފޭއިން، އިޓަލީގެ އަސްލު ކޮފީގެ ތަޖުރިބާ ހޮޓެލްގެ މެހެމާނުންނަށާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ހިތްފަސޭހަ މާޙައުލެއްގައި ތަފާތު ވައްތަރުގެ ހޫނު އަދި ފިނި ކޮފީތަކާއެކު، މީރު ޕޭސްޓްރީ އާއި ކެއިންބުއިމުގެ ބާވަތްތައް މި ކެފޭއިން ލިބެން ހުންނާނެއެވެ.
މިއީ "ކެފޭ ބާބެރާ" ރާއްޖޭގައި ތަޢާރަފްވި ފުރަތަމަ ފަހަރަށް ވާއިރު، މިއީ ހުޅުމާލޭގެ ކާބޯތަކެތީގެ ޚިދުމަތްތަކަށް ލިބިގެންދިޔަ ބައިނަލްއަޤްވާމީ ފެންވަރުގެ އައު ކުރިއެރުމެކެވެ. އަދި މިއީ މެންހަޓަން ގްރޭންޑް ހޮޓެލްގެ ޑައިނިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިން މުހިންމު ބައެކެވެ.
ސޮފްޓް އޯޕަނިންގ އަށްފަހު، މެންހަޓަން ގްރޭންޑް ހޮޓެލްގައި ހުންނަ ކެފޭ ބާބެރާގެ ޚިދުމަތް މިހާރު ކޮންމެ ދުވަހަކު ހެނދުނު 7:30 އިން ރޭގަނޑު 11:30 އަށް ޢާންމުންނަށް ލިބެމުންދާނެއެވެ.