ޚަބަރު
އެސްއެމްއީ ޑިޖިޓަލް އިން ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފި
ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއް.
ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިން ޚިދުމަތްތައް އިތުރުކުރުމަށާއި، ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން" އެސްއެމްއީ ޑިޖިޓަލް އިން ތައާރަފުކޮށްފިއެވެ.
މިއީ ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް، ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ޚާއްސަ ފެސިލިޓީއެކެވެ.
އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާ އެކު، އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ފެސިލިޓީގެ މުހިންމު މަގުސަދެކެވެ.
މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ %7.5 ގެ ކުޑަ ފައިދާ ރޭޓެކެވެ. މީގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފައިސާ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބިގެންދެއެވެ.
އަލަށް ތައާރަފުކުރި މި ފައިނޭންސިން ބޭނުންކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އައު ގެސްޓްހައުސްތައް އިމާރާތްކުރުމާއި، މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުން ހިމެނެއެވެ. މީގެ އިތުރުން ލޯކަލް ޓޫރިޒަމަށް އެހީތެރިވެދޭ ޚިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް ވެސް މި ފެސިލިޓީ ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ފެސިލިޓީއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް ޑޮލަރުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު، ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިން ހޯދުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.
"މިއީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް، ފުޅާކޮށް ނުވަތަ އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފައިނޭންސިން ފުރުސަތެއް. އަޅުގަނޑުމެން ބޭނުންވަނީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް،" ބަދުރުއްދީން ވިދާޅުވިއެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.