Ads by Farudhun

ޚަބަރު

ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ޤާއިމުކުރުމެއް ނޫން: އަބްދުއްރަޙީމް

ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ޤާއިމުކުރުމެއް ނޫން: އަބްދުއްރަޙީމް

މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله . ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 11:59

07 އޮކްޓޯބަރު 2026، 11:59

ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ގާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله  ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަޤްރީރުކުރައްވަމުންނެވެ.

މި އަހަރުގެ އެސެމްބްލީގެ ޝިއާރު ކަމުގައިވާ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން،" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސްވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމަކާއި، ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ޤާނޫނު ހެދުން ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަޑުއެހުމާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމާއި، ނިންމުންތައް ނިންމުމުގައި މުޖުތަމައުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި، ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ފަސޭހައިން ޚިދުމަތްތައް  ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، "އީފާސް" ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވި، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެވޭ ނަތީޖާގެ  މައްޗަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.  އަދި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރުގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ހެޔޮވެރިކަމަކީ ސުލްހަމަސަލަސްކަމާއި ސަލާމަތާ ގުޅިފައިވާ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މެދުއިރުމައްޗާއި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި، އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި، މަޝްވަރާކޮށްގެން ސުލްޙަވެރި ހައްލުތައް ހޯދުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، އަދި، ސުލްޙަވެރި ޙައްލުތަކަށް އެއްބާރުލުންދިނުމަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ޒިންމާއެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވަމުން، ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން، ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު، ރައްޔިތުންގެ އަޑުއަހާ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށާއި، މުޖުތަމަޢުތައް ބާރުވެރިކުރުމުގައި މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތުތަކާއި ބައިވެރިވުން އިތުރުކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި، ހެޔޮވެރިކަން ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށްޓަކައި، އައި.ޕީ.ޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450