ޚަބަރު
ޓީޖީއެސްޓީ އާއި އެއާޕޯޓް ޗާޖުން ލިބުނު އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް
ފިނޭންސް މިނސްޓްރީ - ފޮޓޯ: ޕީއެސްއެމް
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކްސް އާމްދަނީ އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުމާ އެކު، މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާއަށް އަރައި، 1.8 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 30.342 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ އާމްދަނީ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ލިބުނު 22.528 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 23.835 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އަހަރުން އަހަރަށް 1.4 އިންސައްތައިގެ ކުޑަ ދަށްވުމެއް ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ މި ދާއިރާއިންނެވެ.
މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ ލިބޭ އެހެނިހެން މައިގަނޑު ދާއިރާތަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ:
- ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް: 21.2 އިންސައްތަ އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް
އިމްޕޯޓް ޑިއުޓީ: 11.4 އިންސައްތަ އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް - އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ): 2.8 އިންސައްތަ އިތުރުވެ 4.132 ބިލިއަން ރުފިޔާއަށް
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 8.1 އިންސައްތަ އިތުރުވެ 1.552 ބިލިއަން ރުފިޔާއަށް
- މުދަލުން ލިބޭ އާމްދަނީ: 13.5 އިންސައްތަ އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް
- ދައުލަތަށް ލިބުނު ހިލޭ އެހީ: 84.7 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 0.513 ބިލިއަން ރުފިޔާއަށް
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 18.2 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ހަރަދުވި 30.008 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ މިހާތަނަށް 35.456 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 18.5 އިންސައްތައިގެ އިތުރުވުމަކާއެކު 30.653 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 14.1 އިންސައްތަ އިތުރުވެ، 5.555 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އިދާރީ އަދި ހިންގުމުގެ އެހެނިހެން ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް 4.203 ބިލިއަން ރުފިޔާ (75.1 އިންސައްތައިގެ އިތުރުވުމެއް) އަދި އާސަންދައަށް 1.864 ބިލިއަން ރުފިޔާ (25.1 އިންސައްތައިގެ އިތުރުވުމެއް) ހޭދަކޮށްފައިވެއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވެސް ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ދާއިރާއަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 1.453 ބިލިއަން ރުފިޔާ (34.1 އިންސައްތަ އިތުރު)، ފާލަމާއި ބަނދަރު ހެދުމަށް 0.333 ބިލިއަން ރުފިޔާ (38.4 އިންސައްތަ އިތުރު)، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 0.945 ބިލިއަން ރުފިޔާ (37.5 އިންސައްތަ އިތުރު) ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.