ޚަބަރު
ދަ ގްރޭޓް ޓޫނާ ގާލާ: ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި ކެއުންތައް ބަންގްލަދޭޝްގައި ދައްކާލައިފި
ދަ ގްރޭޓް ޓޫނާ ގާލާ
ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި، ސަގާފީ ކެއުންތަކާއި ފަތުރުވެރިކަން އިޝްތިހާރުކޮށް، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝެރަޓަން ހޮޓަލުގައި އަންގާރަ ދުވަހު ބޭއްވި މި ޚާއްޞަ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ބަންގްލަދޭޝް ސަރުކާރުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް، އެމް. ރަޝީދުއްޒަމާން މިއްލަތެވެ. މި ހަފުލާގައި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ބައިވެރިން އަދި މީޑިއާތައް ހިމެނޭހެން ގާތްގަނޑަކަށް 250 އެއްހާ މެހެމާނުން ބައިވެރިވިއެވެ.
ހަފުލާގައި ވާހަކަދައްކަވަމުން ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވިދާޅުވީ، ދިވެހިންނާއި ކަނޑާ އޮތް ގުޅުމަކީ ވަރަށް ފުން ގުޅުމެއް ކަމަށާއި، ރާއްޖޭގެ އިޤްތިޞާދާއި ދިރިއުޅުމުގެ މައިނާރަކީ މަސްވެރިކަން ކަމަށެވެ. އަދި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި އުސޫލުތައް ހިފެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރައްވައި، ބަންގްލަދޭޝްގެ މާކެޓަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ފުޅާކުރުމަށް ފުރުސަތުތައް އެބައޮތް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން އިތުރުވަމުންދާތީ، އޭގެ ސަބަބުން ވިޔަފާރިއާއި ފަތުރުވެރިކަމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ރަޝީދުއްޒަމާން މިއްލަތު ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާއްޞަކޮށް ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިވެންޓުގައި ރާއްޖޭގެ ސަގާފީ ދޮށީގެ މަސްވެރިކަމާއި ކަނޑުމަހުގެ ބާވަތްތައް މެހެމާނުންނަށް ދައްކާލެވުނެވެ. މީގެއިތުރުން، ދިވެހި ކެއުންތަކުގައި ކަނޑުމަސް ބޭނުންކުރާ ތަފާތު ގޮތްތައް ދައްކާލުމުގެ ގޮތުން، ޚާއްޞަ ދަތުރެއްގައި ޑާކާއަށް ވަޑައިގެންނެވި މަޝްހޫރު ދިވެހި ޝެފް މަހާ ނަސީރު ވަނީ ކެއްކުމުގެ ލައިވް ޑެމޮންސްޓްރޭޝަނެއް ހުށަހަޅައިދީފައެވެ. މި ހަރަކާތުގެ ތެރެއިން މެހެމާނުންނަށް ދިވެހި ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
އަދި ހަމައެއާއެކު، ބަންގްލަދޭޝްގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މި ހަފުލާގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
މި އިވެންޓް ކުރިއަށްގެންގޮސްފައިވަނީ އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކޮމްޕެނީގެ އެހީތެރިކަމާއެކުގައެވެ.