ކުޅިވަރު
މެސީގެ ފެއަރވެލް ޑްރޯން ޝޯވގައި އިޝްތިހާރު ދެއްކުމުން ގިނަ ބަޔަކު ރުޅިގަދަވެއްޖެ
މެސީގެ ފެއަރވެލް / ފޮޓޯ: ގެޓީ އިމޭޖަސް
އާޖެންޓީނާގެ ގައުމީ ޓީމުގެ ޖާޒީގައި ލިއޮނަލް މެސީ ކުޅުނު އެންމެ ފަހު މެޗަށްފަހު ބޭއްވި ވަދާއީ ޑްރޯން ޝޯވްގައި ކުންފުންޏެއްގެ އިޝްތިހާރު ދެއްކުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ރުޅިގަދަވެ، އެކަމާ ހިންހަމަނުޖެހުން ފާޅުކޮށްފިއެވެ.
އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ބެނިން އަތުން އާޖެންޓީނާ ވަނީ 3-0 އިން މޮޅުވެފައެވެ. ބުއެނޮސް އައިރިސްގެ މަޝްހޫރު 'އެލް މޮނިއުމެންޓަލް' ސްޓޭޑިއަމްގައި 85،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށްފަހު، މެސީގެ ޝަރަފުގައި ބޭއްވި ހާއްސަ ޑްރޯން ޝޯވް ބަލަން ހުރިހާ ކުޅުންތެރިންވެސް ދަނޑުމަތީގައި މަޑުކުރިއެވެ.
ނަމަވެސް، މި ހާއްސަ ޝޯވް ފެށިގެން ދިޔައީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ 'ސަންކޯ ސެގޫރޯސް' ގެ ނަމާއި ލޯގޯ ދައްކައިގެންނެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެން މެސީއާއެކު ސްޕޮންސަރޝިޕް ހަދާފައިވާ ކުންފުންޏެކެވެ. މެސީގެ އަގުވަޒަންކުރުމުގެ މިފަދަ ޖަޒުބާތީ ވަގުތެއްގައި ވިޔަފާރި އިޝްތިހާރެއް ދެއްކުމުން، ދަނޑުގައި ތިބި އެތައް ހާސް ސަޕޯޓަރުންގެ ރުޅިގަނޑު ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓާޕިއާއަށް އަމާޒުވެފައެވެ.
ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ޓާޕިއާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ލަވަކިޔައި އަޑުގަދަކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައިވެސް އޭއެފްއޭގެ ވެރިޔާއަށާއި އެ އިންޝުއަރެންސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ފަހަކަށް އައިސް އާޖެންޓީނާ ހޯދި ކާމިޔާބީތަކާއެކުވެސް، ކޮރަޕްޝަންގެ ތުހުމަތުތަކާއި ފައިސާ ހޯދުމަށް ފެންވަރު ދަށް ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ރާވާ ކަމަށް ބުނެ ޓާޕިއާއަށް އޮންނަ ނަފްރަތު ވަނީ ބޮޑުވެފައެވެ.
މީގެއިތުރުން، މި ޑްރޯން ޝޯވްގައި އަނެއްކާވެސް އިތުރު ގޯހެއް ފާހަގަކުރެވުނެވެ. އެއީ މުޅި ދުނިޔެ ދަންނަ ވާތުފައިގެ މޮޅު ކުޅުންތެރިޔާ، މެސީ ބޯޅައިގައި ޖަހާ މަންޒަރު ޑްރޯންތަކުން ކުރަހައިދިން އިރު ދައްކާފައިވަނީ އޭނާގެ ކަނާތު ފައިން ޖަހާ މަންޒަރެވެ.
މިއާއެކު، މެސީގެ ތާރީޚީ ވަދާއީ ރޭ ވެގެން ގޮސްފައިވަނީ އާޖެންޓީނާގެ ފުޓްބޯޅަ އިދާރާގެ އިސްވެރިންނަށް ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އިންތިހާއަށް އޮތްކަން ހާމަވެގެންދިޔަ ރެޔަކަށެވެ.