ޚަބަރު
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ރާއްޖެ ވަޑައިގަންނަވަނީ
އީގަލްސް ހިލްސްގެ ޗެއާމަން. ފޮޓޯ: އަރަބިއަން
ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކުރުމަށް ތައްޔާރުވާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު މާދަމާ ހެނދުނު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 168 ބުރީގެ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނީގެ ވެސް ވެރިޔާ އަލްއައްބާރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ރާއްޖޭގެ މަޝްހޫރު ބައެއް މީޑިއާތަކާ ބައްދަލުކުރައްވައި ޚާއްސަ އިންޓަވިއުތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް މާދަމާ މެންދުރު ޚާއްސަ ފަރިއްކޮޅެއް ވެސް ދެއްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އޭނާ ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.
އީގަލް ހިލްސް އާއި އިމާރް ޕްރޮޕަޓީސްގެ ވެރިޔާ އަލްއައްބާރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ އީގަލް ހިލްސްގެ ދަށުގައި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮންނައިރު، އެ ކުންފުނިން އަންނަނީ އެންމެ މަތީ ފެންވަރުގެ މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަޝްރޫއުތައް ތަރައްގީ ކުރަމުންނެވެ.
ރަސްމާލޭގައި ވޯޓަފްރަންޓް އަދި މެރީނާއެއް ތަރައްގީކޮށް ހިންގުމަށްޓަކައި ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު 20 ބިލިއަން ޑޮލަރުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ ސޮއިކޮށްފައެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ ރެސިޑެންސްތަކާއި ޒަމާނީ ވަސީލަތްތަކާ އެކު ކުރިއަށްގެންދާ މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރަސްމާލޭން ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައެވެ. އަދި ރަސްމާލޭގެ ބާކީ އޮތް 600 ހެކްޓަރު ހާއްސަކުރާނީ ގޯއްޗާއި ފްލެޓާއި އަސާސީ ހިދުމަތްތަކަށެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އަލްއައްބާރު ކުރިން ވިދާޅުވެފައިވަނީ، ދިވެހި ތާރީޚުގައި އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓާ އެކު ދިވެހިން އެ ކުންފުންޏަށް ކުރި އިތުބާރަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާނީ ދިވެހިންގެ އުންމީދުތަކާ އެއްގޮތަށް ކަމަށެވެ. މި މަޝްރޫއުގައި އީގަލް ހިލްސް އިން 8،800 އަށް ވުރެ ގިނަ ޕްރޮޕަޓީ ތަރައްގީކުރާއިރު، ކޮންމެ ތަނެއްގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭނެއެވެ. މީގެ އިތުރުން ރަސްމާލެ މަޝްރޫއު ފެށުމުގެ ކުރިން، ހުޅުމާލޭގައި 5،000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.