Ads by Farudhun

ޚަބަރު

މިއީ ބަސްބުނާ މީހުންގެ އަދަދުން، ބަހަށް ބާރު ލިބެމުންދާ ޒަމާން: ވަޒީރު ހީނާ

މިއީ ބަސްބުނާ މީހުންގެ އަދަދުން، ބަހަށް ބާރު ލިބެމުންދާ ޒަމާން: ވަޒީރު ހީނާ

އައްޑޫގައި އޮތް ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2026، 07:44

07 އޮކްޓޯބަރު 2026، 07:44

މިއަދުގެ ދުނިޔެއަކީ ބުނާ ބަހުގައި ހުންނަ އޮށްޓަރަށްވުރެ، އެ ބަސްބުނާ މީހުންގެ އަދަދުން ބަހަށް ބާރު ލިބެމުންދާ ޒަމާނެއް ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ފެށި "އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތް" އަދި "އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޒަމާނަކީ ކުރު ބަސްތަކަކުން ގިނަ ވާހަކަތައް ބުނަން ޖެހޭ ޒަމާނެއް ކަމަށާއި، މީގެ ކުރީގެ ޒަމާންތައް ދެކެފައި ނުވާހާ ބާރުމިނެއްގައި ޚިޔާލާއި ފިކުރުތައް ފެތުރެމުންދާ ޒަމާނެއް ކަމަށެވެ. އަދި މިފަދައިން އަވަސް ގޮތެއްގައި ބަދަލުވަމުންދާ ދުނިޔެއަކަށް އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތުކުރާއިރު، ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި، އުފެއްދުންތެރި ޚިޔާލާއި ޢިލްމީ ވިސްނުންތަކުގެ އަލީގައި މުއާމަލާތްކުރުމުގެ ހުނަރު އުފެދޭ ޖީލުތަކުގެ ކިބައިގައި އަށަގެންނެވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވަނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކުގެ ސަބަބުން އެކަނި ނޫން ކަމަށާއި، އެއީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަކުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ މުހިންމު ސިފަތައް ކަމަށާއި، އޭގެ ތެރޭގައި މީހާގެ ޒާތަށް ބަސްބުނުމެއް ނެތި، ބުނާ ބަހަށް ޢިލްމީ ހަމައިން ޖަވާބުދިނުމާއި، ކޮންމެ މީހެއްގެ ވާހަކަވެސް ކަނުލައި އަޑުއެހުމުގެ ސިފަ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ޖަމާއަތެއްގެ ކުރިމަތީގައި، ވާހަކަ ދައްކަން ތެދުވާ ފަރާތަކީ އެ ވާހަކަ ހުށައަޅައިދިނުމުގެ ސާބިތުކަން ހުރި ފަރާތަކަށް ވާން ޖެހޭ. ހަމައެހެންމެ ދައްކާ ވާހަކަ އަޑުއަހަން ތިބި ބަޔަކަށް ވިސްނޭނެ ގޮތަކަށް ހުށައަޅައިދޭންވެސް ދަސްކޮށްދެވޭ.

މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ހީނާ ވަލީދު ވަނީ، މި މުބާރާތުގެ ތެރެއިން ތާރީޚާއި ސަގާފަތާއި އަދި އީޖާދީ ވިސްނުންތަކާއި ޢިލްމީ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ މޮޅެތި ތަޤުރީރުތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ލޮބުވެތި ޤައުމަށް އިޚްލާޞްތެރި، ޤައުމީ ކަންކަމުގައި ވަކާލާތު ކުރާނެ މާދަމާގެ އެތައް ވެރިންނެއް މިފަދަ ކަންކަމުގެ ތެރެއިން އުފެދިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450