ޚަބަރު
މި ދައުރު ނިމުމުގެ ކުރިން ވެލިދޫ ހޮސްޕިޓަލުން ހިދުމަތް ލިބެން ފަށާނެ: ސިއްހީ ވަޒީރު
ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ޖަލްސާގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ---
މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. ވެލިދޫގައި އަލަށް އިމާރާތް ކުރަމުންދާ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމައި، އެ ތަނުން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު އިމާރާތް ކުރަމުންދާ އައު ހޮސްޕިޓަލާއެކު އެ ރަށާއި މުޅި ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތްތަކަށް ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މިހާރު މި ރަށުގައި ކުރިޔަށްދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އައު ހޮސްޕިޓަލް ހުޅުވި، މިހާރަށް ވުރެ މާ ފުޅާދާއިރާއެއްގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެ.
ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ވެލިދޫ ސިއްހީ މަރުކަޒުން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިހާތަނަށްވެސް ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުގެ ހިދުމަތާއި، އާންމުންނަށް ނުހަނު ބޭނުންތެރި ޑަޔަލިސިސްގެ ހިދުމަތުގެ އިތުރުން، އެކްސްރޭގެ ހިދުމަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ތައާރަފްކޮށްފައެވެ.
މީގެ އިތުރުން، ބިދޭސީންގެ ވޯކް ޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖައްސައިދީފައިވާއިރު، ކުއްލި ހާލަތްތަކުގައި ބަލިމީހުން އަވަހަށް އުފުލުމަށްޓަކައި ވެލިދޫގައި ސީ އެމްބިއުލާންސެއް ވަނީ ސްޓޭޝަންކޮށްފައެވެ. އަދި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މަރުކަޒުގެ މުވައްޒަފުންގެ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ކުލަގަދަ ޖަލްސާގައި ވަނީ، ވޭތުވެދިޔަ ދިގު މުއްދަތުގައި ސިއްހީ ދާއިރާއިން ވެލިދޫއަށް އެކި ގޮތްގޮތުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލާ އަރުވާފައެވެ.