ކުޅިވަރު

އިހަވަންދޫ ބަލިކޮށް ނައިވާދޫއިން ޒޯން ޗެމްޕިއަންކަން ހޯދައިފި

އިހަވަންދޫ ބަލިކޮށް ނައިވާދޫއިން ޒޯން ޗެމްޕިއަންކަން ހޯދައިފި

ނައިވާދޫއިން މުބާރާތުގެ ޝީލްޑް އުފުލާލުން / ފޮޓޯ: ނައިވާދޫ ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޮކްޓޯބަރު 2026، 07:42

08 އޮކްޓޯބަރު 2026، 07:42

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ނޯތު ޒޯން 1 ގެ ފައިނަލްގައި، އިހަވަންދޫ ޖޭ ސްޕޯޓްސް އެކެޑަމީ 2-1 އިން ބަލިކޮށް، ހދ. ނައިވާދޫއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރަށުގައި ކުޅުނު މި މެޗުގައި ނައިވާދޫއިން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައެވެ. އަދި އެ ޓީމުގެ ތަޖުރިބާގެ ބޭނުން ހިފައި، ދުލެއްނުދީ ކުޅުނު އިހަވަންދޫގެ މައްޗަށް ވަނީ ކުރިހޯދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ނައިވާދޫ ޓީމުގެ ކެޕްޓަން މުޙައްމަދު އަސްލަމެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އިހަވަންދޫގެ ކީޕަރު ދިފާއުކުރުމުން، ރީބައުންސްވި ބޯޅަ އަބްދުﷲ ޝާފިއު ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އަސްލަމް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު އިހަވަންދޫއިން ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ނައިވާދޫއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. އަމިއްލަ ހާފު ތެރެއިން ޝާފިއު ބޯޅަ ހޯދައި، ކުރިއަށް ގޮސް އަޙްމަދު ހަމީދަށް ދިން ބޯޅަ، އޭނާ ވަނީ ވިސްނުންތެރިކަމާއެކު މުޙައްމަދު ޝާއިންއަށް ފޯރުކޮށްދީފައެވެ. ޝާއިން ވަނީ ހަމަޖެހިލާފައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައިގެން ލީޑު ފުޅާކޮށްދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 7 ވަނަ ލަނޑެވެ. 

ދެވަނަ ހާފުގައި އިހަވަންދޫއިން މެޗަށް އެނބުރި އައުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް ނައިވާދޫގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ. ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫއަށް ސުން ކަނޑުވާލެވުނީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. އިހަވަންދޫގެ ބިދޭސީ ކުޅުންތެރިޔާ އެލް ސައީދު ތިރިތިރިން ބާރަށް ފޮނުވާލި އެ ހަމަލާ ދިފާއުކުރަން ނައިވާދޫގެ ކީޕަރު އިބްރާހީމް ނާޖިހަށް މާ ގިނަ ވަގުތެއް ނުލިބުނެވެ. 

މިއީ ހދ. އަތޮޅު މުބާރާތުގެ ރަނަރަޕްގެ ގޮތުގައި ނިންމާލި ނައިވާދޫއަށް މި މުބާރާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނައިވާދޫގެ މުޙައްމަދު ޝާއިންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނައިވާދޫގެ އަޙްމަދު ސިނާނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ނައިވާދޫގެ އަޙްމަދު ހަމީދު، މުޙައްމަދު ޝާއިން، ކީޕަރު އިބްރާހީމް ނާޖިހު އަދި އިހަވަންދޫ ޓީމުގެ އިބްރާހީމް ހާމިދު އާއި އަޙްމަދު އެލްސައީދު އަލީ ހަމީދެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450