ޚަބަރު
ޕޯސްޓް ބިލްޑިންގެ ޕިކްޕޯސްޓް: ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް އަލުން ހުޅުވައިފި
މި ޕިކްޕޯސްޓް ހުޅުވުމުގެ ތެެރއިން.. ފޮޓޯ: ފަރުދުން
މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަން އީ-ކޮމާސްގެ ސަބަބުން މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރގައި އަލުން ހުޅުވައިފިއެވެ.
މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދުއެވެ.
މިއީ، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތާއެކު، ވަކިން ޙާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވުނު ކުރިއެރުމެކެވެ. އަދި މި ޕިކްޕޯސްޓް ސްޓޭޝަނަކީ، އީ-ކޮމާސްގެ ސަބަބުން މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް ގާއިމުކުރެވިގެންދިޔަ ޕިކްޕޯސްޓް ސްޓޭޝަނެކެވެ.
މިގެނެވުނު ބަދަލާއެކު، މޯލްޑިވްސް ޕޯސްޓްގެ ޑެލިވަރީ ނިޒާމު ވަރަށްބޮޑަށް ކުރިއަރައި ހަރުދަނާވެގެން ދާނެކަން އެ އިދާރާއިން ފާހަގަކުރެއެވެ. އަދި މި ބަދަލާއެކު، ބޮޑެތި ޕާރުސަލްތައް ދޫކުރުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއްވެ، ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު ރަނގަޅު ވެގެންދާނެކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރއާއެކު، ޑެލިވަރީ ނިޒާމް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ރޯލް އިތުރަށް ފުޅާކުރެވި، އަދި ޚިދުމަތްތައް ޒަމާނީކޮށް ކޮންމެ ޚިދުމަތެއްވެސް ރައްޔިތުންނާވީހާ ވެސް ކައިރިން، ފަސޭހަކޮށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުހަރުފަތަކަށް ގެންދެވޭނެކަން ޔަގީންކުރެވޭ ކަމަށް މޯލްޑިވްސް ޕޯސްޓުން ވިދާޅުވެއެވެ.