ޚަބަރު
ދިވެހިރާއްޖޭގެ މާލީ ހަމަޖެހުން ރަނގަޅުކަމަށް ނިންމައި، މޫޑީސްއިން ކްރެޑިޓް ރޭޓިން މަތިކޮށްފި
މޫޑީސް---
ދިވެހިރާއްޖޭގެ މާލީ ހާލަތާއި ހަމަޖެހުން ރަނގަޅުވަމުން އަންނަކަމަށް ނިންމައި، ބައިނަލްއަޤްވާމީ މަޝްހޫރު ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށްފިއެވެ.
މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާތީއެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް ކުރިން އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީ ކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.
މި ރޭޓިންގ މަތިވުމުގައި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ބޭރުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ކުރި ކާމިޔާބު މަސައްކަތްތަކެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދައްކައި ނިންމުން ހިމެނެއެވެ. މީގެއިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކައި ޚަލާޞްކޮށްފައިވެއެވެ. އަދި 100 މިލިޔަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް ފަސްކުރެވިގެން ދިޔުމަކީވެސް، ކައިރި މުސްތަޤުބަލެއްގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ވަރަށް ބޮޑަށް ކުޑަވެގެންދިޔަ ކަމެއް ކަމަށް، މިކަމާ ގުޅިގެން މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މާލީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވުނު ފައިސާގެ މިންވަރު އިތުރުވެފައިވުން މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި އަވަށްޓެރި އެކުވެރި ޤައުމުތަކުން މާލީ އެހީތެރިކަން ހޯދުމުގައި ސަރުކާރަށް އޮތް އިތުބާރު ބޮޑުވަމުންދާކަންވެސް އެ އެޖެންސީން ވަނީ ބަލައިގެންފައެވެ.
ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެކި މާލީ އިދާރާތަކުން ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިން 50 މިލިއަން ޑޮލަރުގެ އިތުރުން އޯޕެކް ފަންޑުން ދިން 40 މިލިއަން ޑޮލަރު ހިމެނެއެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 2025 ވަނަ އަހަރުގެ ނިޔަލަށް 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ޖުމްލަ ދަރަނި، 2026 ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ތިރިކުރެވިފައެވެ. އެ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މިއީ ދަރަނި ދެއްކުމަށް ސަރުކާރުން ކުރި އިޚްލާޞްތެރި މަސައްކަތްތަކާއި، ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެކެވެ.