ޚަބަރު
ރަސްމާލެ މަޝްރޫއު: މަންފާ ލިބޭނީ ހަމައެކަނި ޓޫރިޒަމަކަށް ނޫން، މަސްވެރިކަމަށް ވެސް ބޮޑު ކުރިއެރުމެއް!
އަލްއައްބާރު ރާއްޖޭގެ ވިޔަފާރި ވެރިންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: ސަން އޮންލައިން
އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްއިން ރާއްޖޭގެ ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުގެ ސަބަބުން، ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްއައްބާރު މިއަދު ވިދާޅުވެއްޖެއެވެ.
ރިއަލް އެސްޓޭޓް ދާއިރާގައި 28 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އަލާއްބާރު މިހެން ވިދާޅުވީ، ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ހިއްސާކުރެއްވުމަށް ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
އަލްއައްބާރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިން އިތުރުވެގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށާއި އެހެނިހެން ޚިދުމަތްތަކަށް އޮންނަ ޑިމާންޑް އުފުލި، އިގްތިސާދީ ގޮތުން ފުޅާ ދާއިރާއެއްގައި އޭގެ އެދެވޭ އަސަރު ފޯރާނެއެވެ.
މީގެއިތުރުން އަލްއައްބާރު ވިދާޅުވީ، އެ ކުންފުނިން ރާއްޖެއަށް އައީ ހަމައެކަނި ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި، ހުރިހާ ފައިދާއެއް ނަގައިގެން ދިއުމަށް ނޫން ކަމަށެވެ. އަދި އޭނާއަކީ މުސްލިމަކަށް ވީހިނދު، އެހެން މުސްލިމް މުޖުތަމައަކަށް އައިސް މަސައްކަތްކުރާއިރު، އެ ގައުމެއްގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އޭގެ ހަގީގީ މަންފާ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫއަށް އިންވެސްޓްކޮށް، މީގެ ފައިދާ ހޯދުމުގެ ފުރިހަމަ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގައި ދިވެހި ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން އަދި އާކިޓެކްޓުންނަށް އިސްކަންދޭނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އަލާއްބާރު ވިދާޅުވިއެވެ.
ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައި މި މަޝްރޫއު ތަރައްގީކުރަނީ ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް ރެޒިޑެންސްތައް، މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް އަދި ވެލްނެސް ސެންޓަރުތައް ހިމެނޭ ގޮތަށެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.