ޚަބަރު
އޯޒޯން ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހު ހާއްސަ ހަރަކާތްތަކެއް
އަރޓިފިޝަލް ބީޗުގައި އޮތް ހަރަކާތެއް / ފޮޓޯ: ހަބޭސް ބޮޑުބެރު
ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ހުކުރު ދުވަހު މާލޭގެ އާޓިފިޝަލް ބީޗުގައި ހާއްސަ ހަވީރަކާއި ރޭގަނޑުގެ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރަނީ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުމާ ގުޅުވައިގެން، "ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތްތައް ކުރިއަށްދާނީ 09 އޮކްޓޫބަރު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި، އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ މަޖާ ކުޅިވަރުތަކެއް ވެސް ކުރިއަށްދާނެއެވެ. މީގެއިތުރުން ހަދިޔާއެއްގެ ގޮތުގައި ގަސް ބެހުމާއި، ދުނިޔެ ހޫނުވުމާ ދެކޮޅަށް ފަރުދީ ޒިންމާ އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން "ކޫލިންގ ޕްލެޖް ވޯލް" އެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަދި އަގުހުރި އިނާމެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ވެސް މި އިވެންޓުގެ ތެރޭގައި ކުރިއަށްދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މި އިވެންޓުގައި ވީހާވެސް ގިނަ އާއިލާތަކާއި ރައްޓެހިން ބައިވެރިވެ، ދުނިޔޭގެ މާހައުލު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ދައުވަތު އަރުވާފައެވެ.