ކުޅިވަރު / ޚަބަރު

މިއީ ފުޓުބޯޅައަށް ދޭންޖެހޭ ގަދަރު އަލުން ހޯދައިދިނުމަށް ކުރާ ދަތުރެއްގެ ފެށުން: ވަޒީރު ރާފިއު

މިއީ ފުޓުބޯޅައަށް ދޭންޖެހޭ ގަދަރު އަލުން ހޯދައިދިނުމަށް ކުރާ ދަތުރެއްގެ ފެށުން: ވަޒީރު ރާފިއު

އެފްއޭއެމް އެވޯޑްސްގައި ވަޒީރު ރާފިއު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2026، 06:27

09 އޮކްޓޯބަރު 2026، 06:27

އެފްއޭއެމް އެވޯޑްސްއަކީ ހަމައެކަނި ޓްރޮފީތަކެއް ބަހާލާ އިވެންޓެއް ނޫން ކަމަށާއި، މިއީ ސަރުކާރާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށްޖަހައި، މި ކުޅިވަރަށް ދޭންޖެހޭ އަހައްމިއްޔަތުކަމާއި ޤަދަރު އަނބުރާ ހޯދައިދިނުމަށް ކުރެވޭ ވަރުގަދަ ދަތުރެއްގެ ފެށުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މިހާރަށްވުރެވެސް ބޮޑަށް އިސްކަންދޭންވީ ޒުވާން ޖީލުގެ ހުނަރުތައް ދެނެގަނެ، އެ ކުދިން ކުރިއަރުވާ، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ހަމައެއާއެކު، ކުޅުންތެރިންނަށް އެކަށީގެންވާ ވަސީލަތްތަކާއި ދުނިޔޭގެ ފެންވަރުގެ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ކުޅިވަރެއް ހަގީގީ މާނައިގައި ކުރިއަރައިގެންދާނީ ހަމައެކަނި ވަސީލަތްތައް ގާއިމުކޮށްގެންނެއް ނޫން. އެ ކުޅިވަރެއް ކުރިއަރާނީ ކުޅުންތެރިން ދަނޑުމަތީގައި އޮހޮރާ ދަލާއި، ކޯޗުންގެ އީޖާދީ ވިސްނުންތަކާއި، ރެފްރީން ދަނޑުމަތީގައި ނިންމާ އިންސާފުވެރި ނިންމުންތަކާއި، އަދި ކްލަބުތަކުގެ މެނޭޖްމަންޓުން ރެޔާއި ދުވާލު ހުއްޓުމެއްނެތި ކުރާ ބުރަ މަސައްކަތް ބަލައިގަނެވި، އެ މަސައްކަތުގެ ހައްގު އަގުވަޒަންކުރެވިގެން. ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު އަޅުގަނޑުމެން މި އުއްމީދުކުރަނީ، އެފްއޭއެމް އެވޯޑްސް ނުހުއްޓި ކުރިއަށްދިޔުން.

ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްސަލްގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދިގު މާޒީގައި ރަސްމީ ހައިސިއްޔަތުން ފުޓްސަލް މުބާރާތްތައް ނުބޭއްވި، އެސޯސިއޭޝަނުގެ ފުރިހަމަ ބެލެނިވެރިކަން ނުލިބުމުގެ ސަބަބުން ހުނަރުވެރި އެތައް ފުޓްސަލް ކުޅުންތެރިންނެއް ތިބީ ގައުމީ އަދި ބައިނަލްއަގްވާމީ އެތައް ފުރުސަތަކުން މަހްރޫމްވެފައި ކަމަށެވެ.

އެހެންނަމަވެސް، އަށް އަހަރަށްފަހު މި އެވޯޑް އެނބުރި އައިއިރު، ފުޓްސަލްގެ ކުޅުންތެރިންނަށް ހާއްސަ އެވޯޑެއް ތައާރަފުކުރުމަކީ އެންމެންވެސް އުފާކުރަންޖެހޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިރޭ ތައާރަފުކުރެވުނު މި ހާއްސަ އެވޯޑާއެކު، ރާއްޖޭގެ ފުޓްސަލްއަށް އައު ދިރުމެއް ލިބި، އެ ކުޅުންތެރިންނަކީވެސް ފަހުރުވެރި ބަޔަކަށް ހެދުމުގެ އާ ސަފްހާއެއް ލިޔެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށްޓަކައި އެފްއޭއެމްއިން މިހާރުވެސް ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ އެސޯސިއޭޝަންގެ ރީޖަނަލް އެސޯސިއޭޝަންތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތާއެކު އެ އެސޯސިއޭޝަނަށް ފެޑަރޭޝަނެއްގެ ދަރަޖަ ލިބިގެންދިއުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450