ކުޅިވަރު

ފާއިތުވި ސީޒަންގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފު މާޒިޔާގެ އައިހަމްއަށް

ފާއިތުވި ސީޒަންގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފު މާޒިޔާގެ އައިހަމްއަށް

ފާއިތުވި ސީޒަންގެ އެންމެ މޮޑު ކުޅުންތެރިޔާގެ އެވޯޑު އައިހަމްއަށް އެރުވުން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2026، 06:57

09 އޮކްޓޯބަރު 2026، 06:57

ނިމިދިޔަ ފުޓުބޯޅަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފުވެރި މަގާމު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައއުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހްމަދު އައިހަމް ހާސިލްކޮށްފިއެވެ.

އައިހަމްއަށް މި އެވޯޑު އަރުވާފައިވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ރޭ ބޭއްވި 'އެފްއޭއެމް އެވޯޑްސް 2026' ގެ ޝަރަފުވެރި ހަފްލާގައެވެ. އޭނާއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

ފާއިތުވި ސީޒަނުގައި އައިހަމް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، މާޒިޔާގެ ކާމިޔާބީގައި އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ޓީމުގެ ޖާޒީގައި 17 މެޗު ކުޅެ، 8 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި ދިވެހި ޕްރިމިއަރ ލީގުގައި ޖެހި 5 ގޯލާއި، ޕްރެޒިޑެންޓްސް ކަޕްގައި ޖެހި 2 ގޯލުގެ އިތުރުން ޗެރިޓީ ޝީލްޑް މެޗުގައި ކާމިޔާބުކުރި ގޯލު ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ މާޒިޔާއާއެކު މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމާއި ޗެރިޓީ ޝީލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގެ އިތުރުން އައިހަމް އަކީ މިހާރު ގައުމީ ސީނިއަރ ފުޓުބޯޅަ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުހިންމު ކުޅުންތެރިއެކެވެ.

މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އައިހަމްގެ އިތުރުން ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޢަލީ ފާސިރު (ސެންޓޭ) އާއި މުޙައްމަދު ނާއިމް، ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅޭ ޙަމްޒާ މުޙައްމަދު (ހަމްޕު) އަދި މާޒިޔާގެ އިބްރާޙީމް މަހުދީ ޙުސައިން (ފޭދޫ އިއްބެ) އެވެ.

މި ހުރިހާ ތަޖުރިބާކާރު ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އައިހަމް މި އެވޯޑު ހާސިލުކުރުމަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450