ޚަބަރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ
މާލެއަށް ވިއްސާރަ ކުރި ދުވަހެއް.ފޮޓޯ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރަކަމަށާއި، މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ވާރޭ ވެހުނު ކަމުގައި ވިޔަސް އާންމު ގޮތެއްގައި ވައި މަޑުވާނެ ކަމަށާއި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 08:45 އިން މެންދުރުފަހު 14:45 އާ ހަމައަށެވެ.
މީގެއިތުރުން، އެހެން އަހަރުތަކުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް އޮކްޓޫބަރު މަހު ވެހޭ މިންވަރަށްވުރެ މަދުންނެވެ.
ފިނިހޫނުމިނަށް ބަލާއިރު، މި އޮކްޓޫބަރު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.