ޚަބަރު
ތިން ފިލްމީ ތަރިންގެ ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް، ދައުވާ ކުރަނީ ޓްރެފިކިންއަށް
ބަންދުކުރި 3 ފިލްމީ ތަރިން.. ފޮޓޯ: މިހާރު
ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ ކޮޓަރިން މަސްތުވާތަކެތި ފެނުނީ ހާމައަށް ހުއްޓާ ކަމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި އެއް ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކުރީ ފިލްމީ ތަރި އަހުމަދު އަޒްމީލާއި، އިސްމާއިލް ޖުމައިހު އަދި މުހައްމަދު ވިޝާލްއެވެ. އޭގެ އިތުރުން އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެގޮތުން، ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން މިއަދު ކޯޓަށް ގެންދިޔުމުން އެ އެންމެން ވެސް 15 ދުވަހަށް ބަންދުކުރަން ވަނީ ނިންމާފައެވެ.
ބަންދު އަމުރުގައި ހާމަކޮށްފައިވާގޮތުން، އެމީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އެ ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ.
އެ ކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބަންދު މަޖިލީހުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެތެރެއިން ޖުމައިހު ފިޔަވައި، އަނެއް ތިން މީހުން މީގެކުރިން ވެސް ހައްޔަރުކޮށް ބަންދުކުރި ކަމުގެ ރެކޯޑް އޮތެވެ. މަޝްހޫރު ތިން ފިލްމީ ތަރިންނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރާއިރު، މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނުގެ އައު އިސްލާހުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ، އެމީހުންގެ މައްޗަށް ބޮޑު ހުކުމެއް އަންނާނެއެވެ.
މިހާރު ގާނޫނު އޮތް ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންގެ މައްޗަށް އޮތީ މަރުވަންދެން ޖަލުގައި އޮންނަން ޖެހޭ އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ކުރިން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ އުވާލައިފައެވެ. މި ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް މާފުދިނުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުން ވަނީ ގާނޫނުން މަނާކޮށްފައެވެ.