ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1190 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހި--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1190 ހައުސިން ޔުނިޓު އެޅުމަށް ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް ހަލުވި ދުވެއްޔެއްގައި ސަރުކާރުން ކުރިއަށްދާން ފަށައިފިއެވެ.
މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މިއީ ސަރުކާރަށް ނުކުރެވޭނެ އަދި ކުރިއަށް ނުގެންދެވޭނެ މަސައްކަތެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު، އެ ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން، ބީ.އެމް.އެލްއާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)ގެ އިސްވެރީންނެވެ.
ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.